މަޖިލީހަށް ދާން ފާރިސްއަށް ފުރުސަތު ދިނުމަށް ޝަރީއަތް ފަސްކޮށްފި

ފާރިސް މައުމޫނު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން ފުރުސަތު ދިނުމުގެ ގޮތުން ޝަރީއަތުގެ މަޖިލިސް މިއަދު ހަވީރަށް ފަސްކޮށްފި އެވެ.

މިއަދު 10:30އަށް ތާވަލު ކުރި އަޑުއެހުން ލަސް ކުރަން ކޯޓުން ނިންމީ ފާރިސްގެ ފަރާތުން އެގޮތަށް ކޯޓުގައި އެދުމުންނެވެ.

ޝަރީއަތް ފެށުމާ އެކު ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފަ އެވެ.

އޭނާ ވިދާޅުވީ، ފާރިސްއަށް ލިބެން ޖެހޭ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށާއި އެގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ފާރިސް އަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލެނީ ހަމައެކަނި ފާރިސްގެ ހައްގެއް ނޫން ކަމަށާއި އެއީ މުޅި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގު ވެސް ނިގުޅައިގަނެވިގެންދާ ކަމަށެވެ.

އެހެން ކަމުން ފާރިސަށް މަޖިލީހަށް ހާޒިރުވުމަށް ފުރުސަތުދީ އަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ގާނޫނުތަކާ އެއްގޮތަށް ޝަރީއަތުން އަމަލު ކުރާނެ ކަމަށާއި އެގޮތުން ފާރިސް މަޖިލީހަށް ހާޒިރުވުމަށް ޝަރީއަތުން އިއުތިރާޒު ނުކުރާ ކަމަށެވެ.

ފާރިސްއަށް މަޖިލީހަށް ދިއުމަށް ފުރުސަތު ދިން ނަމަވެސް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

އެ މައްސަލައިގެ އަޑުއެހުން މިއަދު ހަވީރު 5:00 ގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް