ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން އަމުރުކޮށްފި

ފާރިސް ފުލުހުންގެ ލޯންޗުގައި މިއަދު މާލެ ގެންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފާރިސް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ބަންދާމެދު ގޮތެއް ނިންމީ މިއަދު މެންދުރުފަހު 2:00 ގެ ފަހުންނެވެ.

ފާރިސް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ މއ. ސުނޯރޯސް ގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. އިއްޔެ ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް އެތަނުން ޕެންޑްރައިވެއް ގެންގޮސްފައެވެ.

މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފައެވެ. މިއަދު ގެންދިޔައީ އެގޭގެ ސީސީޓީވީގެ ހާޑު ޑިސްކެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފާރިސް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކުރިއިރު، އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ.

comment ކޮމެންޓް