އިންނާނެ މީހަކު ހޯދަން ފޭސްބުކްގައި ޖެހުމުން، ކައިވެންޏަށް އެތައް ހުށަހެޅުމެއް!

އިންނާނެ އަންހެނަކު ހޯދަން ރަންޖީޝް ފޭސްބުކްގައި ޖެހި ފޮޓޯ ----

އިންޑިއާގެ ކެރެލާ ސްޓޭޓްގެ މަންޖެރީއަށް އުފަން ފޮޓޯގުރާފަރެއް ކަމަށްވާ ރަންޖީޝް، ކައިވެންޏެއް ކުރާނެ ރަނގަޅު އަންހެން ކުއްޖަކު ހޯދުމުގައި ހަތް އަހަރު ހޭދަ ކުރިއެވެ. ކައިވެނި ކުރާނެ ކުދިން ހޯދާ ސައިޓް ތަކަށް ވަދެގެންނާއި ގާތް ތިމާގެ މީހުން ވެސް އެތައް މަސައްކަތެއް ކުރިއެވެ. އެކަން ކާމިޔާބެއް ނުވިއެވެ.

ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލު ކޮށްލީ ރަހްމަތްތެރިއަކު ދިން ހިޔާލަ ކުންނެވެ. އިންނާނެ ކުއްޖަކު ބޭނުންވާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ޖެހުމަށެވެ.

ރަހުމަތްތެރިޔާގެ ހިޔާލަށް، މަންމަ އާއި ބައްޕަ އަދި ދިރިއުޅޭގެ ފެންނާނެ ގޮތަށް ނަގާފައިވާ ސެލްފީ އަކާއެކު އަމިއްލަ ފޯނު ނަންބަރު ޖެހުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ރަންޖީޝް އޭނާގެ ފޭސްބުކްގައި ޕޯސްޓެއް ޖެހިއެވެ.

މަދު ލައިކް ކޮޅެއް ލިބިދާނެ ކަމަށް ހިތާ، އެއްވެސް އުއްމީދެއް ނެތި، ރަންޖީޝް ޖެހި ފޭސްބުކް ޕޯސްޓާއެކު އޭނާއަށް ލިބުނީ ޝޮކެކެވެ.

އެންމެ ދެ ދުވަސް ތެރޭގައި އޭނާގެ ފޭސްބުކް ޕޯސްޓަށް 14000 އަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު، 4000 އަށްވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއާ ކޮށްފައިވެއެވެ. އަދި ކައިވެންޏަށް ޝައުގުވެރިކަން ފާޅުކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން އޭނާއަށް ގުޅަން ފެށިއެވެ.

ރަންޖީޝް ބުނި ގޮތުގައި، އޮސްޓްރޭލިއާ އަދި އެމެރިކާ ފަދަ ގައުމުތަކުން ވެސް އޭނާ އަށް 200 އަށްވުރެ ގިނަ މީހުން ކައިވެންޏާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން އެކި ގޮތްގޮތުން އަހާފައިވާ ކަމަށެވެ.

"ނުދަންނަ ނަންބަރު ތަކުން އެތައް ކޯލެއް އައި. ހަމަ ވަރަށް ސީރިއަސް އިންކުއަރީސްތައް ލިބުނު. އިންޑިއާ، އޮސްޓްރޭލިއާ، ބަހްރެއިން، ސައުދީ އަރަބިއާ އަދި އެެމެރިކާގެ އާއިލާތަކުން ގުޅި،" ޚަލީޖް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރަންޖީޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކައިވެންޏަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި އޭނާއާ އެއް އުމުރެއްގެ މީހުންނާއި ވަރިވެފައިވާ އަންހެނުން ވެސް ހިމެނެއެވެ. އަދި ފޮޓޯ އާއި އިތުރު މައުލޫމާތު ފޮނުވުމަށް އެދި ވަޓްސްއެޕް އެކައުންޓު ދީފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް ރަންޖީޝް ބުނާ ގޮތުގައި، އެކި ސަބަބުތަކާ ހުރެ އޭނާ ގައުމުން ބޭރު އަންހެނަކާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. އަދި އިންނާނެ ކުއްޖަކު ހޯދަން ފޭސްބުކްގައި ޖެހުމުން އޭނާގެ ކެރޭ ކަމަށް އެއްބަޔަކު ތައުރީފު ކުރިއިރު އިންނާނެ އަންހެނަކު ނުލިބިގެން އުޅޭ މީހުން ރަންޖީޝް އަށް ލިބިފައިވާ ބައެއް ޕްރޮޕޯސަލް އެމީހުންނަށް ދިނުމަށް އެދިފައިވެއެވެ.

"މުހިއްމު ނޫނީ ގޮތެއް ނުނިންމޭ ކަންތައްތަކުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރަންވީ ކީއްވެ؟ އަހަރެންގެ އުއްމީދަކީ އަހަރެން މި ނެގި އިސްނެގުމުގެ ސަބަބުން އެހެން ޒުވާނުންނަށް ސޯޝަލް މީޑިއާގެ ބާރު އެނގިގެންދާނެ ކަމަށް،" ރަންޖީޝް ބުންޏެވެ.

އަތުން އެއްވެސް އެއްޗެއް ނުގޮސް ފޭސްބުކްގައި ޖަހާލި ޕޯސްޓެއްގެ ސަބަބުން މިއަދު އެތައް ހުށަހެޅުމެއް އައިސްފައިވާ ރަންޖީޝްއަށް މިއަދު ލިބޭ އުފަލަކީ މަރުވުމުގެ ކުރިން ކައިވެނި ކުރާނެ އަންހެނަކު އޭނާއަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.

comment ކޮމެންޓް