އެމްޑީޕީ ތެރޭގައިވެސް ދެ ފެކްޝަނެއް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
ސަންޓީވީން ގެނެސްދިން މިނިވަންކަމުގެ ހިޔަލުގައި 'ސިޔާސީ ވެށި' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރީކޯ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ 'ޒައީމް'ގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެގޮތުން އެމްޑީޕީގެ ޒައީމް ފެކްޝަނޭ ވިދާޅުވެ، މޫސަ ވިދާޅުވީ، އެމްޑީޕީގެ ޒައީމް ފެކްޝަނޭ ކިޔަނީ ވަކި ބޭނުމެއްގައި ކަމަށާއި، އެއީ އެ ޕާޓީ ތެރޭގައި ދެ ފެކްޝަން އޮންނާތީ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެމްޑީޕީގެ ޒައީމް ފެކްޝަނޭ މިކިޔަނީ ވަކި ބޭނުމެއްގަ އިނގޭތޯ. ދެ ފެކްޝަން އެމްޑީޕީ ތެރޭގަވެސް އެބަ އޮވޭ މިހާރު. ދާދި އަވަހަށް އޭތި ފެންނާނެ ތިބޭފުޅުންނަށް. އަޅުގަނޑެއްވާ މިވާހަކަ ނެތިން ދައްކާކަށް،" ރީކޯ އިއްޔެ ވިދާޅުވި އެވެ.
މުޒާހަރާތަކަށް ފުލުހުން ހުރަސް އަޅާތީ އެކަމާ އިދިކޮޅު ފަރާތްތަކުން ޝަކުވާ ކުރާކަން ފާހަގަ ކުރައްވައި ރީކޯ ވިދާޅުވީ، އެއީ މިއަދު އެކަނި ވާ ކަމެއް ނޫން ކަަމަށާއި އަބަދުވެސް މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންވާނެ އެންމެ ގިނަ މުޒާހަރާ މަގުމަތީގަ ކުރި ބަޔަކަށް، ހުއްޓާ ނުލާ. އެއީ ރައީސް ވަހީދު ވެރިކަމާ ހަވާލުވީމަ، ނަޝީދު އިސްތިއުފާ ދެއްވައި ވަޑައިގެން ހިސާބުން ފަށައިގެން ހުއްޓުމެއް ނެތި ދެ އަހަރު. އުސް ފަސްގަނޑުން ނައްޓާލައިގެން،" ރީކޯ ވިދާޅުވި އެވެ.
މޫސާ ވަނީ މުޒާހަރާ ކުރާ މީހުންނަށް ނަސޭހަތެއްވެސް ދެއްވައިފައެވެ. އޭނާ ވިދާޅުވީ، ކުރިން މުޒާހަރާއަކަށް ނުކުމެ އުޅެނިކޮށް ފުލުހުން ނުކުމެ ތަޅައިގަތް ކަމަށާއި، ކަށިގަނޑެއް ބިންދައިގެން ދިއުމުގެ ސަބަބުން ހޮސްޕިޓަލުން އެކަމަށް ބޭސްވެސް ކުރި ކަމަށެވެ. އެ ދުވަހަށްފަހު މުޒާހަރާތަކުގައި އުޅެނީ ވަރަށް ވިސްނައިގެން ކަމަށް މޫސަ ވިދާޅުވި އެވެ.
"މިދެންނެވި ހާލަތަށްފަހު އަޅުގަނޑު ބަލަނީ ފުލުހުން ޗާޖު ކުރީމަ އަވަހަށް ވާނޭ ފިލަން. މުޒާހަރާއަށް ނުކުންނަ މީހުން ކައިރީގަ އަޅުގަނޑުވެސް ބުނަން އޮތީ ތިބޭފުޅުން މުޒާހަރާ ކުރާ ހިތުން ކުރައްވާށޭ، އެހެން ނަމަވެސް ފުލުހުން އެ ޗާޖު ކުރީމަ ދެން ދުރުވާށޭ،" މުޒާހަރާކުރާ މީހުންނަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުން މުޒާހަރާ ކުރާ މީހުންނަށް ނުބަލާނެ ކަމަށާއި، ފުލުހުން ބަލާނީ މުޒާހަރާ ރޫޅާލުމަށް ކަމަށެވެ.