ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދީންގެ ހައްގުތަކަށް އަރައިގަނެ، އެ ކުދީންގެ ބޮލުގައި ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އަޅުވާ ފަރާތްތަކާމެދު ގާނޫނުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
މި ފަހުން އިދިކޮޅު އެމްޑީޕީން ދަނީ ސިލްސިލާ ގޮތެއްގައި މާލޭގައި އިހުތިޖާޖުތަކެއް ކުރަމުންނެވެ. ރޭ ކުރި އިހުތިޖާޖުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިހުތިޖާޖުގެ ބައިވެރިއަކުވަނީ ތުހުމަތުކޮށް ވާހަކަ ދައްކައިފައެވެ. އެ ކަމާ ގުޅިގެން އެކި އިދާރާތަކުން ވަނީ އެ ކަން ކުށްވެރިކޮށް ބަޔާން ވެސް ނެރެފައެވެ.
މި މައްސަލައިގައި އެމްޑީޕީންވަނީ ސަރުކާރާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ.
މި މައްސަލައިގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއް ނެތް މައުސޫމް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، އަބުރާ އިއްޒަތް ނަގައިލައި، ދޮގު ތުހުމަތުތައް އެ ކުދީންގެ ބޮލުގައި އަޅުވާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މި ފަދަ ނާތަހުޒީބު، ދަށު ދަރަައިގެ ކަންކަން ކުރުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)ން އެ ކަން ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދައިނުލައްވައި، އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭނެ ގޮތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިހުތިޖާޖުގައި ވާހަކަ ދެއްކުމާ ގުޅިގެން އެ ކަން ކުށްވެރިކޮށް އީސީންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވެސް ބަޔާން ނެރުނެވެ.
އެ ކަމަށް ރައްދުދީ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އިހުތިޖާޖުގައި ދެކެވުނު އެ ވާހަކައަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެކެވުނު ވާހަކަތަކެއް ކަމަށް އީސީންނާއި އެޗްއާރުސީއެމުން ނިންމައި، ބަޔާނެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއް ކަމަށާއި، އެ ބަޔާންތަކުގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުއްޖާ ފަލީހަތްކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.