ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން ޕާކިސްތާނުން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފާއި، އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފަށް ރަސްމީގޮތުން މަރުޙަބާ ދެންވުންމައް ޖުމްހޫރީ މައިދަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކޮށްދެއްވާނެކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް އިއުލާނުކުރައްވައިފިއެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ނުވަތަ މެޑިކަލް ސްކޫލެއް ގާއިމް ކުރުމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ތެރޭގައި ވެސް ލ. ގަމުގައި ޔުނިވާސިޓީއަކާއި އެކު މެޑިކަލް ކޮލެޖެއް އެޅުމުގެ ވާހަކަތަކެއް އޭރު އޮތް ސަރުކާރުން ދެއްކެވި އެވެ.

އަދި 2013 ވަނަ އަހަރު ރާއްޖޭގައި މެޑިސިން ކިޔަވާދެވިދާނެތޯ ބެލުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ސްރީލަންކާގެ ވަފުދެއް ރާއްޖެ އައި އިރު، އޭގެ ދެ އަހަރު ފަހުން ކަމާ ބެހޭ ފަރާތްތަކާ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބައްދަލުކޮށް މެޑިކަލް ކޮލެޖެއް ހެދުމާ ގުޅޭ ގޮތުން ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓް މެދުވެރިކޮށް ހެދި ފީސިބިލިޓީ ސްޓަޑީއެއްގެ މައްޗަށް މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަންް އަރުވާފައެވެ.

އަދި އޭގެ އިތުރުން ޕާކިސްތާނުގައި ސިއްހީ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާގެ އިތުރުން ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭގޮތަށް މަތީ ތައުލީމް ހާސިލްކުރުމަށް ދަރިވަރުންނަށް އިތުރު ސްކޮލާޝިޕްތަކެއް ދިނުމަށް ޕާކިސްތާނުން ސަރުކާރުން ނިންމާފައިވާކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ މޭމަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ބޭފުޅަކު ރާއްޖެ ވަޑައިގަތް އެގައުމުގެ މެޑިކަލް ކޮލެޖެއް ރާއްޖޭގައި ހެއްދުމާ ގުޅޭ ސާވޭއެއް ހަދާފައިވާ ކަމަށެވެ. އަދި ހެއްދެވި ސާވޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން ޕާކިސްތާން މެޑިކަލް ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރުމަށް ޕޯސްޓް ކުރުމާއި ސިއްހީ ދާއިރާގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރުމާއި ޕާކިސްތާނުން ތަމްރީން ވުމަށް ފުރުސަތު ދެވޭ ދަރިވަރުންނަށް ހާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

comment ކޮމެންޓް