ފާރިސް އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކޮށް، ފުލުހުންގެ ލޯޗެއްގައި ދޫނިދޫއަށް ގެންދަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާވެސް ކ. މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަން ފުލުހުން މިރޭ ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. އެއަށްފަހު އަނެއްކާވެސް ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކުރުމަށްޓަކައި ފުލުހުން ވަނީ އޭނާ ދޫނިދޫއަށް ބަދަލުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ. އެމައްސަލައިގައި ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ނިންމީ އެމައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

comment ކޮމެންޓް