ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ ސައުދު ހުސައިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ސައުދު ހައްޔަރުކޮށްފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ މައި އިދާރާ މާފަންނު ކުނޫޒުގައި ހުންނަވަނިކޮށެވެ.
ސައުދު ހައްޔަރުކުރަން ނެރެފައިވާ އެ އަމުރުގައި ބުނެފައިވާ ގޮތުން ސައުދު ހައްޔަރު ކުރީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަތް މައްސަލާގައިއެވެ. އޭނާ ހައްޔަރު ނުކޮށް، ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް އެ އަމުރުގައިވެއެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެއަކީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެކެވެ.
ފުލުހުންގެ ސަފު ފޫއަޅުވާލައި، މަޖިލީހަށް ވަތް މެމްބަރުންނާއެކު ސައުދު ވެސް އިއްޔެ މަޖިލީހަށް ވަނެވެ. މަޖިލިސް މެމްބަރުން މަޖިލީހުގެ ގޯތިތެރެއިން ނެރުމަށް، ފުލުހުންނާއި ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. ބާރުގެ ބޭނުންކޮށްގެން ވައްޑެ ވެސް މަޖިލީހުން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގެ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮންގޮސް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދޫކޮށްލާފަ އެވެ.
ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް ބުނާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ވަނީ ރޭ ހައްޔަރުކޮށްފައެވެ.