އަބުރުގެ ގާނޫނުން ޖޫރިމަނާކުރި ފުރަތަމަ ނޫސްވެރިޔާ އެ ފައިސާ ދައްކައިފި

އާލާ ރާއްޖެޓީވީ ޕްރޮގުރާމެއްގައި--

އަބުރުގެ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާކުރި ނޫސްވެރިޔާ، އާލާ އިބްރާހިމްއަށް ދައްކަން އެނގި 50000 ރުފިޔާގެ ބުރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިފި އެވެ.

އާލާ ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕް މައްސަލައެއްގެ ހަބަރު ލިޔުމާ ގުޅިގެންނެވެ. އެ މައްސަލާގައި ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކުރި އިރު އާލާ ޖޫރިމަނާކުރީ 50،000 ރުފިޔާއިންނެވެ.

އާލާ ސަން އަށް މައުލޫމާތު ދެމުން ބުނީ އެފައިސާ ނުދައްކައިފި ނަމަ ޖިނާއީ ދައުވާ ކުރަން ކޯޓަށް ފޮނުވާނެ ކަމަށް ބުރޯޑްކާސްޓިން ކޮމިޝަނުން އެންގުމާ އެކު މިއަދު އެފައިސާ ދައްކާފައިވާ ކަމަށެވެ.

"ފައިސާ ދެއްކީ މިއަދު، ސްޓޭޝަނުން އެހީތެރިކަމެއް ނުލިބުނު، ފައިސާ ދެއްކީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާ އެކު،" މިހާރު ރާއްޖެޓީވީ އިން ވަކިވެފައިވާ އާލާ ބުންޏެވެ.

އޭނާ ބުނީ ފައިސާ ދެއްކި ނަމަވެސް އެ މައްސަލަ އަލުން އިސްތިއުނާފް ކުރާނެ ކަމަށާއި ފައިސާ ދެއްކީ، އެފައިސާ ނުދައްކާ އިސްތިއުނާފް ކުރެވެން ނެތީމާ ކަމަށެވެ.

އެކަން ހިނގި ގޮތް ކިޔައިދެމުން ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި އާލާ ވެސް އަދި އެއިދާރާ ވެސް ޖޫރިމަނާ ކުރެވޭނެކަން ގަބޫލް ނުކުރާ ކަމަށާއި އާލާއަށް އަންގާފައި ވާނީ ހައްގު ހޯދަން މަސައްކަތްކުރަން ކަމަށެވެ.

"ސްޓޭޝަނުން ޖޫރިމަނާ ނުދައްކައިފިއްޔާ ސްޓޭޝަންގެ ހުއްދަ ބާތިލް ކުރެވޭ، އެކަމަކު ނޫސްވެރިޔާއަށް ފައިޓް ކުރުމުގެ ފުރުސަތު އެބައޮތް، ކޯޓަށް އެމައްސަލަ ފޮނުވީމާ ވެސް. އާލާއަށް އަންގާފައިވާނެ ފައިޓްކުރާށޭ ޖަލަށް ދާކަށް ނުޖެހޭނެއޭ އެހިސާބުން ފައިސާ ދައްކާނަމޭ،" އޮފިޝަލް ވިދާޅުވި އެވެ.

އާލާ ވެސް އަދި ރާއްޖެ ޓީވީ އިން ވެސް ބްރޮޑްކާސްޓިން ކޮމިޝަންގެ ނިންމުން ގަބޫލު ނުކުރެ އެވެ.

މިހާރު މީޑިއާ ދާއިރާގައި އުޅޭތާ ނުވަ އަހަރުވެފައިވާ 26 އަހަރުގެ އާލާ ބުނީ އޭގެ ފަހުން އޭނާ އެތައް މީޑިއާއަކަށް ވަނުމަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެމައްސަލާގެ ސަބަބުން ފުރުސަތު ނުލިބޭ ކަމަށެވެ.

comment ކޮމެންޓް