އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރައާއި އަގުވައްޓާލުމުގެ ކެމްޕޭންތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ވަގުތުން ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އެމްޖޭއޭ އިން ފާހަގަކޮށްފައިވަނީ، އެ ދަތުރަކީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ ޑިވެލޮޕަރެއް ކަމަށްވާ އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ އަގުވައްޓާލައި، އެ ފަރާތްތަކާ މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށް ވީޑިއޯތައް ހަދަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މިގޮތުން ނޫސްވެރިންނަކީ "ގައްދާރުން"، "ޒަޔަނިސްޓުން" އަދި "ޔަހޫދީން" ގެ ގޮތުގައި ލޭބަލްކޮށް ހުތުރު ބަހުން ފުރައްސާރަ ކުރަމުންދާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
"ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެ ނޫސްވެރިންނާ މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ފޮޓޯތައް ދައުރުކޮށް، ވީޑިއޯތައް ހަދަމުން. އިންޓަނެޓުގައި ހިންގާ މި ކެމްޕޭންތަކުގައި ނޫސްވެރިންގެ އަގުވައްޓާލުމަށް "ގައްދާރުން"، "ޒަޔަނިސްޓުން"، އަދި "ޔަހޫދީން" ގެ ގޮތުގައި ލޭބަލްކޮށް ހުތުރު ބަސްތަކުން ދަނީ ހަމަލާދެމުން،" އެމްޖޭއޭގެ ސިޓީގައި ބުންޏެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ބަޔަކު ނިސްބަތްވާ މީޑިއާތަކުގެ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާއިރު، ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުން ވަކިވަކި ނޫސްވެރިންނަށް ކުރާ ފުރައްސާރައަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ޒާތީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ނޫސްވެރިންތަކެއް -- ފޮޓޯ: އެމްޖޭއޭފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލައިގައި އެމްޖޭއޭ އިން ވަނީ ތިން ކަމަކަށް އެދިފައެވެ. އެއީ މި ޝަކުވާ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ކެމްޕޭންތަކުގެ ފަހަތުގައި ތިބި ފަރާތްތަކުގެ ރަސްމީ ތަހުގީގެއް ފެށުމަށާއި، އަނިޔާ ލިބުނު ނޫސްވެރިންގެ ސަލާމަތީ ރިސްކް އެސެސްމެންޓެއް ވަގުތުން ހެދުމުގެ އިތުރުން، އެ ފަރާތްތަކަށާއި އާއިލާތަކަށް އެކަށީގެންވާ ފުލުހުންގެ ހިމާޔަތް ހަމަޖައްސައިދިނުމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޖޭއޭގެ ރައީސް ނާއިފް އަހުމަދު ވިދާޅުވީ، ހަމައެކަނި ވަޒީފާ އަދާކުރުމުގެ ސަބަބުން އެއްވެސް ނޫސްވެރިއެއްގެ ސަލާމަތާމެދު ނުވަތަ އާއިލާގެ ރައްކާތެރިކަމާމެދު ބިރުގަންނަން ޖެހިގެން ނުވާނެ ކަމަށެވެ.
"ނޫސްވެރިން ބިރުގަންނަވައި ފަހަތައްޖައްސުވައިލުމަށް އެމީހުންގެ ފޮޓޯ ދައުރުކުރުމާއި، ގައްދާރުންގެ ގޮތުގައި ލޭބަލްކުރުމާއި، ރޭވިގެން އަގުވައްޓާލުމުގެ ކެމްޕޭންތައް ހިންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް. އެޑިޓޯރިއަލް ވިސްނުމާ މެދު ހުންނަ ޚިޔާލުތަފާތުވުންތަކަކީ އެއްވެސް ހާލެއްގައި އަމާޒުކޮށްގެން ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ އިމަށް ފަހަނައަޅައި ގޮސްގެންވާނެ ކަމެއް ނޫން،" ނާއިފް ވިދާޅުވިއެވެ.
މީގެއިތުރުން، ސްޕޮންސާ ކޮށްގެން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ޚަބަރާއި ޚިޔާލު ފާޅުކުރުމުގެ ކޮންޓެންޓާ ދެމެދު ހަރުދަނާ އަދި ދެފުށް ފެންނަ ވަކިކުރުމެއް ގެންގުޅުމަށް ރާއްޖޭގެ މީޑިއާތަކަށާއި އެޑިޓޯރިއަލް ލީޑަޝިޕްތަކަށް ވެސް އެމްޖޭއޭ އިން ގޮވައިލިއެވެ. އަދި އެޑިޓޯރިއަލް މިނިވަންކަން ނެގެހެއްޓުމަށާއި، ސްޕޮންސާ ކޮށްފައިވާ ނުވަތަ ޕްރޮމޯޝަނަލް މެޓީރިއަލްތައް ސާފުކޮށް އެނގޭނޭހެން ފާހަގަކުރުމަކީ މީޑިއާ ހައުސްތަކުގެ އަސާސީ ޒިންމާއެއް ކަމަށް އެ ޖަމިއްޔާއިން ހަނދާންކޮށްދިނެވެ. އަދި ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން އާންމުންގެ އިތުބާރު ނުގެއްލޭނެ ގޮތަށާއި، މަސައްކަތްކުރާ ނޫސްވެރިން ނުރައްކަލަށް ހުށަނޭޅޭނޭހެން އިންތިޒާމުތައް ހަމަޖެއްސުމަށް އެދިފައިވެއެވެ.
އެމްޖޭއޭއިން ވަނީ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަކާއި ރައްކާތެރިކަން ދިފާއުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީ، ވާޖިބު އަދާކުރާ ނޫސްވެރިންނަށް ނުރައްކާވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށް އާންމުންނަށް ވެސް އިލްތިމާސްކޮށްފައެވެ.