ސީއެންއެންގެ ޗީފް އިންޓަނޭޝަނަލް އެންކާ ކްރިސްޓިއަން އަމަންޕޯ، އެ ނެޓްވޯކުގައި 43 އަހަރު ހޭދަކުރުމަށް ފަހު އަންނަ އަހަރުގެ ޖޫން މަހު ވަކިވާން ނިންމައިފިއެވެ.
އުމުރުން 68 އަހަރުގެ އަމަންޕޯ މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ގިނަ މަސްތަކެއް ވަންދެން ވިސްނުމަށް ފަހު، 43 އަހަރު ވަންދެން އޭނާ މަސައްކަތްކުރި ސީއެންއެންއިން ވަކިވާން މިހާރު ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އާ ޕްރޮޖެކްޓުތަކެއް ފަށާނެ ކަމަށާއި، ސީއެންއެންގެ މިނިވަން ނޫސްވެރިކަމަށް އަބަދުވެސް ތާއީދުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ކަވަރުކުރުމުގައި ފާހަގަކޮށްލެވޭ އަމަންޕޯ، 2009 ވަނަ އަހަރުން ފެށިގެން ސީއެންއެން އިންޓަނޭޝަނަލްގައި އަންނަނީ އޭނާގެ ނަމުގައި ޕްރޮގްރާމެއް ހުށަހަޅައިދެމުންނެވެ. އެ ޕްރޮގްރާމް ހަފުތާއަކު މަދު ދުވަސްތަކެއްގައި ދައްކާ ގޮތަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ބަދަލުކުރުމަށް ފަހު، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ ޕްރޮގްރާމް ގެނެސްދޭނީ ހަފުތާއަކު އެއް ދުވަހުއެވެ. އަދި މެއި މަހު އެ ޕްރޮގްރާމް އެއްކޮށް ނިންމާލާނެއެވެ. ނަމަވެސް ޖޫން މަހުގެ ނިޔަލަށް ސީއެންއެންއަށް ރިޕޯޓުކުރުމުގައި އޭނާ ދެމިހުންނާނެއެވެ.
އިރާގް ހަނގުރާމައިގެ ކަވަރޭޖްގައި 2003ވަނަ އަހަރު އަމަންޕޯ ހަރަކާތްތެރިވަނީ -- ފޮޓޯ/ ސީއެންއެންސީއެންއެންގެ ޗެއާމަން މާކް ތޮމްޕްސަން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނި ގޮތުގައި، އަމަންޕޯ މި ނިންމުން ނިންމާފައިވަނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައެވެ. އަދި މިއީ އޭނާއަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށް ތޮމްޕްސަން ބުންޏެވެ. އޭނާ ވަނީ އަމަންޕޯ އަކީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާ ކަމަށް ސިފަކޮށް، އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އަމަންޕޯގެ ބަޔާނުގައި، އޭނާއާއެކު މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް ޝޯގެ ޓީމުތަކަށާއި ފީލްޑް ކްރޫއިންނަށް ޝުކުރު އަދާކޮށްފައިވެއެވެ. ފުރަތަމަ ގަލްފު ހަނގުރާމައާއި، ބޮސްނިއާ، ރުވާންޑާ، އަފްގާނިސްތާން، ޔޫކްރެއިން އަދި އީރާނުގެ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ކަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އޭނާއާއެކު މަސައްކަތްކުރި ޓީމުތައް ކަމަށް އޭނާ ބުންޏެވެ.
ޕީބީއެސް އިން ގެނެސްދޭ "އަމަންޕޯ އެންޑް ކޮމްޕެނީ" ޕްރޮގްރާމް އަންނަ ޑިސެންބަރު މަހު ނިންމާލާނެއެވެ. ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާ ޖޭމީ ރޫބިންއާއެކު ހުށަހަޅައިދޭ "ދަ އެކްސް ފައިލްސް" ޕޮޑްކާސްޓް ކުރިއަށް ގެންދާނެ ކަމަށް އަމަންޕޯ ބުންޏެވެ.