ޕެނަލްޓީ ޖަހައިގެން އެމްޕީއެލް ބަލިކޮށް، ސިފައިން ޗެމްޕިއަންކަން ހޯދައިފި

އެފްއޭއެމް ވިމެންސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކްލަބު: އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެމްޕީއެލް ބަލިކޮށްގެން --- ފޮޓޯ/ އެފްއޭއެމް

ޕެނަލްޓީ ޖަހައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އިން އެފްއޭއެމް ވިމެންސް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އެމްޕީއެލްގެ މައްޗަށް ސިފައިން ކުރި ހޯދީ 5-4 ލަނޑުގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު ޕެނަލްޓީއަށް ދާން ޖެހުނީ ދެ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެފައި އޮތުމުންނެވެ.

ސިފައިން ކާމިޔާބުކުރި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އައިމިނަތު ޒާހިޔާ ކާމިޔާބުކޮށްދިންއިރު، އައިމިނަތު އަޒީމާއާއި މަރިޔަމް ރިފާ އަދި ފާތިމަތު ޝަހުމާ، މިއިން ކޮންމެ ކުޅުންތެރިޔަކު ޕެނަލްޓީއެއް ކާމިޔާބުކޮށްދިނެވެ.

އެމްޕީއެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ފާތިމަތު ޝާލިޔާއާއި ފަރާ އަހްމަދާއި އައިމިނަތު ޝާމިލާ އަދި ފާތިމަތު ނިއުޝާއެވެ.

އެހެން މުބާރާތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމްކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިއެއް ކޮންމެ ޓީމެއްގައި ވެސް ހިމެނުމުގެ ފުރުސަތު ދިންއިރު، ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

އަންހެން ފުޓްސަލް މުބާރާތުގެ އިތުރުން ފިރިހެން ފުޓްސަލް ކުޅުންތެރިންނަށް ވެސް ހާއްސަކޮށްގެން ވެސް މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް