ޓީވީ އެކްޓަރު ވަގަށް ނެގީ ކަމަށް ސައުތު ކޮރެއާ އިން ތުހުމަތުކޮށްފި

ނޯތު ކޮރެއާއަށް ނިސްބަތްވާ ޓީވީ އެކްޓަރު ލިމް ޖީ-ހިޔުން ---- ފޮޓޯ: އުރިމިންޒޮކުރި

ނޯތު ކޮރެއާއަށް ނިސްބަތްވާ ޓީވީ އެކްޓަރެއް އެގައުމުން ފިލައިގެން ސައުތު ކޮރެއާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނިކޮށް އޭނާ ވަގަށް ނެގުމަށް ފަހު އަނބުރާ ނޯތު ކޮރެއާއަށް ގެންދިޔައީ ކަމަށް ސައުތު ކޮރެއާއިން ތުހުމަތުކޮށްފި އެވެ.

ޓީވީ އެކްޓަރު ލިމް ޖީ-ހިޔުން ނޯތު ކޮރެއާ އިން ފިލައިގެން އަވަށްޓެރި ސައުތު ކޮރެއާއަށް ދިރިއުޅުން ބަދަލުކުރީ 2014 އަހަރު އެވެ.

ސައުތު ކޮރެއާއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ލިމް ވަނީ އެގައުމުގައި ޓީވީ ތަރިއެއްގެ ގޮތުން އެންމެންގެ މަގުބޫލުކަން ހޯދައިފަ އެވެ. ޓޯކް ޝޯކްސްތަކާއި ރިއަލިޓީ ޓީވީ ޕްރޮގްރާމުތަކުން މަޝްހޫރުކަން އެގައުމުގައި ހޯދައިފައިވާ ލިމް ވީނުވީއެއް ނޭނގި ގެއްލުނުތާ މާގިނަދުވަހެއް ނުވަނީސް އޭނާ ވަނީ ނޯތު ކޮރެއާގެ ރަސްމީ މީޑިއާ ޗެނަލަކުން ދެއްކި ވީޑިއޯއެއްގައި ބެލުންތެރިންނާ މުހާތަބުކޮށް ވާހަކަ ދައްކައިފަ އެވެ.

ލިމްގެ ވާހަކައިގައި އޭނާ ސައުތު ކޮރެއާއަށް ގެންދިޔައީ ގަދަކަމުންކަމަށާއި އޭނާއަށް ވަނީ ނޯތު ކޮރެއާ ގޯސްކޮށްފައި ވާހަކަދެއްކުމަށް މަޖުބޫރުކޮށްފައި ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ލިމް ބުނި ގޮތުގައި އޭނާ އަލުން އަނބުރާ ނޯތު ކޮރެއާއަށް ދިޔައީ އަމިއްލައަށެވެ.

ނަމަވެސް މި ވީޑިއޯ އާންމުކުރި ހިސާބުން އޭނާ ގަދަކަމުން ނޯތު ކޮރެއާއަށް ގެންދިޔައީ ކަމަށް ސައުތު ކޮރެއާއިން ތުހުމަތު ކުރެ އެވެ.

ލިމް ޖީ-ހިޔުން ގަދަކަމުން ނޯތު ކޮރެއާއަށް ގެންދިޔަ ކަމަށް ގަބޫލުކުރެވޭ މައްސަލައިގެ ތަހުގީގު ސައުތު ކޮރެއާގެ އޮފިޝަލުން ވަނީ މިހާރު ފަށައިފަ އެވެ.

comment ކޮމެންޓް