ޕީޕީއެމް ދޫކޮށް މަޖިލިސް މެންބަރުން ދާން ޖެހޭ ސަބަބެއް ނެތް: މުއިއްޒު

މިނިސްޓަރު މުއިއްޒު: އޭނާ ވިދާޅުވީ މެމްބަރުން ސަރުކާރާ ދެކޮޅަށް ނިކުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާ ހިތް ހަމަ ނުޖެހިގެން ވެރިކަން ކުރާ ޕީޕީއެމް ދޫކޮށް މަޖިލިސް މެމްބަރުން ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު އެހެން ވިދާޅުވެފައިމިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވާ ދިހަ މެމްބަރަކު ސޮއިކުރުމާއި ގުޅިގެންނެވެ.

ދައުލަތުގެ މީޑިއާ، ޓީވީއެމްގެ ރާއްޖެ މިއަދު ޕުރޮގްރާމް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަރައްގީގެ ގިނަ މަސްރޫއުތަކެއް ހިންގަމުން ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ސަރުކާރާ ދެކޮޅަށް ނިކުތުމުގެ ޖާގައެއް މިއަދު ނޯންނާނެ ކަމަށެވެ.

"އެއްވެސް ދާއިރާގެ މެމްބަރަކަށް ސަރުކާރު ދޫކޮށްލާފައި ދާން ނޫނިއްޔާ ސަރުކާރަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާ ކަހަލަ ގޮތަކަށް އިދިކޮޅު ފަރާތްތަކުން ރާވާ ކަންކަމުގައި ބައިވެރިވާން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ،"

މިސާލެއްގެ ގޮތުގައި މިނިސްޓަރު ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދު މަސީހާ ދެކޮޅަށް ސޮއިކުރެއްވުމުން ސަރުކާރުން އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދީ އަދި ކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ މެންބަރުން ސަރުކާރު ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"ސަރުކާރު ހުއްޓުވުމަށްޓަކައި މަސަތްކަތް ކުރުން ނުވަތަ ސަރުކާރު ވައްޓާލުމަށް އެކިކަހަލަ ކަންކަން ރޭވުމަކީ އެއިކީ އެއްވެސް މެމްބަރަކަށް ކުރެވޭނެ ކަމެއް ނޫން ޒިންމާދާރުގޮތެއްގައި މަސަތްކަތް ކުރާ ނަމަ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް