ގަލަތަސަރާއީއިން ޝްނައިޑާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފި

ނެދަލެންޑްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ވެސްލީ ޝްނައިޑާ: އޭނާއާއެކު ގަލަތަސަރާއީއިން ހަދާފައިވާ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފައި ---

ތުރުކީގެ ގަލަތަސަރާއީއިން ނެދަލެންޑްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ވެސްލީ ޝްނައިޑާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

އިންޓަ މިލާނުގެ ކުރީގެ ތަރި ޝްނައިޑާއާއެކު ހަދާފައިވާ އެއްބަސްވުމަށް ގަލަތަސަރާއީއިން ނިމުމެއް ގެނެސްފައިވާއިރު، އޭނާ ހޯދުމަށް އެމެރިކާގެ ލޮސް އެންޖެލެސް އެފްސީ އަދި އިޓަލީގެ ސެމްޕްޑޯރިއާއިން މަސައްކަތްކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ގަލަތަސަރާއީއާއި ޝްނައިޑާއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާން އަހަރެއް އޮއްވައި އެ އެއްބަސްވުމަށް ނިމުމެއް ގެނައުމާ ގުޅިގެން ތުރުކީގެ އެހެން ކްލަބަކަށް ކުރިއަށްއޮތް ތިން އަހަރު ދުވަސް ތެރޭގައި އުމުރުން 33 އަހަރުގެ ޝްނައިޑާ ގުޅިއްޖެނަމަ ގަލަތަސަރާއީއަށް 20 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ޝްނައިޑާ ވަނީ ދާދި ފަހުން ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. އެ ރެކޯޑު އޭނާ މުގުރާލީ ލަގްޒެމްބާގްއާ ދެކޮޅަށް ކުޅެ، ނެދަލެންޑްސް މޮޅުވި މެޗުގައެވެ. އެ މެޗަކީ ނެދަލެންޑްސް ގައުމީ ޓީމަށް ޝްނައިޑާ ކުޅުނު 131 ވަނަ މެޗެވެ.

ތުރުކީގެ ކާމިޔާބު ކްލަބުން ޝްނައިޑާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 175 މެޗުން 45 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް