ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 26 ވަނަ އަންހެނުންގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މިސްކިތްމަގު ވަނީ ފްރެންޑްސް ކްލަބު ފުނާޑާއި ފޭދޫ ޔޫތު ކޮމިއުނިޓީއާއި ޕޮލިސް ކްލަބު އަދި ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެފަ އެވެ. ލީގު ބުރުގައި މިސްކިތްމަގު ދެން ކުޅެން ޖެހޭނީ އެންމެ މެޗެކެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މިސްކިތްމަގު މޮޅުވީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް މިސްކިތްމަގު ގެންދިޔައީ 25-10، 25-20 އަދި 25-14އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިސްކިތްމަގު ޓީމުގެ އައިޝަތު މާޖިދާ އެވެ.
އެ މުބާރާތުގެ ލީގު ބުރުގައި މިސްކިތްމަގު ކުޅޭ ފަހު މެޗަށް ނުކުންނަން ޖެހޭނީ މިރޭ 9:30ގަ އެވެ. އެ މެޗުގައި މިސްކިތްމަގު ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ދަ ފޭދޫ ސްޕޯޓްސް އެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް، މިސްކިތްމަގަށް ސެމީގެ ފުރުސަތު އޮންނާނެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި މިސްކިތްމަގު އެންމެންގެ ގުޅުމާއި ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވީ މިސްކިތްމަގު --- ފޮޓޯ/ ވީއޭއެމް
އިއްޔެ ފޭދޫ ޔޫތު ކޮމިއުނިޓީއާ ވާދަކޮށް، 3-1 ސެޓުން ދަ ފޭދޫ ސްޕޯޓްސް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ފޭދޫ ސްޕޯޓްސް އިން ގެންދިޔައީ 18-25، 22-25، 25-22 އަދި 23-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ އައިމިނަތު ރާޝިދާ އެވެ.
އިއްޔެ ކުޅުނު ފަހު މެޗުގައި ފްރެންޑްސް ކްލަބު ފުނާޑާ ވާދަކޮށް، ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ޕޮލިސް ކްލަބުން ގެންދިޔައީ 27-29، 17-25 އަދި 19-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އެވެ. މުބާރާތުގައި ޕޮލިސް ކްލަބު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވެފައި ވަނީ ހަމައެކަނި މިސްކިތްމަގު ޓީމު އަތުންނެވެ.
މި މަހުގެ 12އިން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. ސެމީގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ބައްދަލުކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ދެވަނަ މެޗުން ބަލިވާ ޓީމު ކުޅޭ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ.