ރާއްޖެ ސުޕަ ލީގު 2026 އަންހެން ޑިވިޝަނުގެ ފައިނަލުގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު ލ.ގަން ބަލިކޮށް ރާއްޖޭގެ އަންހެން ވޮލީގެ ރަސްކަން ލ. މާބައިދޫން ހޯދައިފިއެވެ.
މިއީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަންހެން ވޮލީބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ މުބާރާތެވެ.
ޖުމްލަ އަށް ޓީމާއެކު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫން ހޯދީ ގަމާއި ވާދަކޮށް ފަސް ސެޓު ކުޅެގެން 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުން މޮޅުވުމާއެކު މާބައިދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ސަން
މުބާރާތުގެ ލީގު ބުރުގައި މާބައިދޫ ނިންމާލީ ގްރޫޕުގެ ދެވަނަ މަގާމުގައެވެ. އެ ޓީމުން ވަނީ ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން ށ.ފުނަދޫ ބަލިކޮށްފައެވެ. އަނެއްކޮޅުން ފައިނަލުގައި ވާދަކުރި ލ.ގަން ވަނީ ސެމީގައި މުބާރާތުގެ ތިންވަނަ ހޯދި ކ. ހުރާ ބަލިކޮށްފައެވެ.
ފައިނަލް މެޗުގައި ދެ ޓީމުވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މުޅި ސޯޝަލް އިންޑޯ ފުރާލާފައިވަނީ ލ. އަތޮޅަށް ނިސްބަތްވާ ސަޕޯޓަރުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގަމުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 25-21 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި މާބައިދޫން ވަނީ ކުޅުން ރަނގަޅުކޮށް 25-17 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުން މޮޅުވުމާއެކު މާބައިދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ސަން
ތިންވަނަ ސެޓު ގަމުން ކާމިޔާބުކޮށްފައިވަނީ 25-20 އިންނެވެ. އަދި ވާދަވެރިކޮށް ފެނުނު ހަތަރުވަނަ ސެޓު 26-24 އިން މާބައިދޫ ކާމިޔާބުކުރިއިރު ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު 15-12 އިންނެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން މާބައިދޫގެ އާމިނަތު އަރީޝާ، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު މާނާ ނާޒިމް، ގަމުގެ ހައްވާ ނާޒިމާ، ހައްވާ ރާޝިދާގެ އިތުރުން ށ. ފުނަދޫގެ ޝަހާ ޝާމިން އާއި ކ.ހުރާގެ މާސާ ފާރޫގެވެ.

މުބާރާތުގެ ޑްރީމް ޓީމު
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ އާމިނަތު އަރީޝާއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ގަމުގެ މިންގްވަން ވިޕާޑާ ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހުރާގެ އައިޝަތު ޔުމްނު ޝާހިދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާބައިދޫގެ ކޯޗު އަޙްމަދު އަދީލް (ބޭބެ) އެވެ.
މީގެއިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ ފާތިމަތު ޖޫޒާން ޒަރީރެވެ.
ގިނަ އަދަދެއްގެ އަންހެން ވޮލީބޯޅަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ މި މުބާރާތާއެކު ރާއްޖޭގެ އަންހެން ވޮލީބޯޅަ ކުރިއަރުވަން އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.