ސިފައިން ފުރަތަމަ މޮޅު ހޯދިއިރު، ފުލުހުންނަށް އިތުރު ބައްޔެއް

ވިލި މުއައްސަސާ ކަޕްގައި ސިފައިންނާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވީ 9-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް އޭ'ގައި ޓީމް އެމްޓީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ފުރަތަމަ ތިން ޕޮއިންޓް ހޯދިއިރު، ދިރާގު އަތުން ވެސް ވިލިމާލެ ޕޮލިސް ބަލިވެއްޖެއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ ދެ މެޗު ރޭ ކުރިއަށްދިޔައިރު، ފުރަތަމަ މެޗުގައި އެމްޓީސީސީގެ މައްޗަށް ސިފައިން ކުރި ހޯދީ 9-7 ލަނޑުގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ސިފައިން ކުޅުނު ފުރަތަމަ މެޗުގައި ޔޫތު މިނިސްޓްރީ އަތުން ބަލިވިއިރު، އެމްޓީސީސީ ކުޅުނު ފުރަތަމަ މެޗުގައި ފުލުހުން އަތުން ވަނީ މޮޅުވެފައެވެ.

ވިލި މުއައްސަސާ ކަޕްގައި ސިފައިންނާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިފައިން މޮޅުވީ 9-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މެޗުގައި ސިފައިން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ހަ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އަލީ ކާމިޔާބުކޮށްދިންއިރު، މުހައްމަދު އަރީހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ހުސައިން ހަފީޒް ވެސް ސިފައިންނަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެމްޓީސީސީން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އަހްމަދު އައިހަމް ކާމިޔާބުކޮށްދިންއިރު، އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒްނީއާއި އަހްމަދު އަހުސަން އަދި ޝުޖާއު ހުސައިންއެވެ.

އެ ގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ދިރާގު އަތުން ފުލުހުން ބަލިވެފައިވަނީ 3-4 ލަނޑުގެ ނަތީޖާއަކުންނެވެ. ފުލުހުން ކުޅުނު ފުރަތަމަ މެޗުގައި އެމްޓީސީސީ އަތުން ބަލިވެފައިވާއިރު، ރޭގެ މެޗަކީ ދިރާގު ކުޅުނު ފުރަތަމަ މެޗެވެ.

ވިލި މުއައްސަސާ ކަޕްގައި ދިރާގާއި ފުލުހުން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-4 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ރޭގެ މެޗުގައި ދިރާގުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން މަބްރޫކް މުހައްމަދު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިރުޝާދު އަދުނާން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާދަމް މުޝްފިގެވެ. މެޗުގައި ފުލުހުންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މޫސާ ނަދީފާއި އަހްމަދު އިބްރާހިމް އަދި އަލީ މުނާޒެވެ.

އެ މުބާރާތުގައި މިރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ޓީމް އެމްޓީސީސީއާ ދެކޮޅަށް ޔޫތު މިނިސްޓްރީ ނުކުންނައިރު، މިރޭ 9:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ މުހިއްދީން ސްކޫލާއި ޓީމް ހައުސިންއެވެ. އަދި މިރޭ 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ދިރާގެވެ.

ވިލި މުއައްސަސާ ކަޕްގައި ދިރާގާއި ފުލުހުން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-4 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހިއްދީން ސްކޫލެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ވިލި މުއައްސަސާ ކަޕްގައި ދިރާގާއި ފުލުހުން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ދިރާގު މޮޅުވީ 3-4 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް