ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި އޮޅޭފަދަ ގޮތަކަށެވެ. މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް ޝެއަރިން ލިންކުތަކެއްގެ ގޮތުގައެވެ. މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ސީސޮކުން ލަފާކުރެއެވެ. އެހެންކަމުން، ފުލުހުންގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ. މީގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އާންމުންނަށާއި އިދާރާތަކަށް ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި، އީމެއިލް އަކާއެކު އަންނަ ލިންކުތަކާއި އެޓޭޗްމަންޓްތައް އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުމަށާއި، ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރުކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމުގައިވިޔަސް، އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ ފޯނުން ގުޅައިގެން އެއީ ސައްހަ އީމެއިލްއެއްތޯ ކަށަވަރުކުރުމަށް ވަނީ އެދިފައެވެ. އަދި އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުމަށާއި، އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ކޮމްޕިއުޓަރުގެ އޮޕަރޭޓިން ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. ޝައްކުކުރެވޭ އީމެއިލްއެއް ލިބިއްޖެނަމަ، ލަސްނުކޮށް އޮފީހުގެ އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ. އަދި ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކޮށް އައިޓީ ޓީމުގެ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދުދީފައެވެ. މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމާ ގުޅޭ ޓެކްނިކަލް އިތުރު ތަފުސީލު ސައިބާ ޕޯޓަލް އިން ލިބެންހުންނާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.