ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވަން ފަސިންޖަރަކު މަސައްކަތްކޮށްފި

އެއާއޭޝިއާގެ މަތިންދާބޯޓެއް

އެއާއޭޝިއާގެ ފްލައިޓެއް ދަތުރުކުރަމުން ދަނިކޮށް އިމަޖެންސީ ދޮރެއް ހޮޅުވަން އިންޑިއާގެ ޕެސެންޖަރަކު މަސައްކަތްކޮށްފި އެވެ.

ނިއުދިއްލީއިން ރަންޗިން އަށް ދަތުރުކުރި ފްލައިޓް، ޖައްސަން ކައިރިވެފައިވަނިކޮށް ހިނގި އެ ހާދިސާގައި އޭނަ ހުއްޓުވަން މަސައްކަތް ކުރި އެހެން ފަސިންޖަރަކާ އަދި ކެބިންކްރޫއިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.

އެހާދިސާއަށް ފަހު އަފްތާބް އަހުމަދު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

"އެއާއޭޝިއާ އިން ޔަގީންކޮށްދެން ނިއުދިއްލީއިން ރަންޗިން އަށް ދަތުރުކުރި ފްލައިޓުގައި ހަމަނުޖެހުން ހިންގަން އުޅުނު ޕެސެންޖަރަކު ފުލުހުންނާ ހަވާލުކުރިކަން،" އެއާއޭޝިއާގެ ސްޕޯކްސްޕާސަން ނެރުން ބަޔާނެއްގައި ބުންޏެވެ.

ނަމަވެސް އެހާދިސާގެ މާބޮޑު ތަފްސީލެއް އެއާލައިނުން އާންމުކޮށްފައެއްނުވެ އެވެ.

ޕްރެސްޓްރަސްޓުގެ ރިޕޯޓެއް ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ހާދިސާގައި ހައްޔަރުކޮށްފައިވާ މީހަކީ އިންޑިއާގެ ޖަރްކަންދް ސްޓޭޓަށް ނިސްބަތްވާ މީހެކެވެ.

"އޭނާ މަސައްކަތްކުރީ ބޯޓުގެ އިމެޖެންސީ ދޮރު ހުޅުވަން. އޭރު ބޯޓު ޖައްސަން ހަމަ މިނިޓްކޮޅެއް ހުރީ. އޭނާ ހުއްޓުވަން މަސައްކަތްކުރި އެހެންޕެސެންޖަރުންނާއި އަދި ކްރޫއިންނަށް ވެސް އަނިޔާވި" ޕްރެސްޓްރަސްޓުގެ ރިޕޯޓުގައިވެ އެވެ.

ފްލައިޓުން ދަތުރުކުރާ އިރު ހަމަނުޖެހުން އުފައްދާ މީހުން އުދުހުން މަނާކުރާ ލިސްޓަށް ލުމަށް ތައްޔާރުވަންދާ ކަމަށް އިންޑިއާ އިން މީގެ ދެ މަސްދުވަސް ކުރިން ބުންޏެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ތިންގިންތިއެއްގެ މީހުން އުދުހުން މަނާ ލިސްޓަށް ލުމަށް ހުށައަޅައިފަ އެވެ. އޭގެ ތެރޭގައި ފްލައިޓުގައި ހަޑިހުތުރުކޮށް މުއާމަލާތް ކުރާ މީހުންނާއި ފްލައިޓްގައި ޖިންސީގޯނާކުރާ މީހުންނާއި އަދި މާރާމާރީ އަދި ބޯޓަށް ގެއްލުންދޭން މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖުލީހުގެ މެމްބަރެއްކަމަށްވާ ރަވިންދްރަ ގައިކްވާދު ވަނީ ފްލައިޓެއްގެ ތެރޭގައި ކެބިންކްރޫ އަކާ މާރާމާރި ހިންގައިފަ އެވެ.

comment ކޮމެންޓް