އޭއެފްސީ މާކެޓިން ކޮމިޓީގެ ޗެއާޕާސަނަކަށް ޝަވީދު

އޭއެފްސީ މާކެޓިން ކޮމިޓީގެ ޗެއާޕާސަނަކަށް އައްޔަންކުރި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ މާކެޓިން ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް އޮލިމްޕިކް ކޮމިޓީ އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.

އޭއެފްސީ މާކެޓިން ކޮމިޓީގެ ޗެއާޕާސަންގެ އިތުރުން އޭއެފްސީ ފައިނޭންސް ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެ މަގާމަށް އައްޔަންކޮށްފައި ވަނީ މާރިއާނޯ އަރަނެޓާ ޖޫނިއާ އެވެ.

މާކެޓިން ކޮމިޓީގެ ޗެއާޕާސަނާއި ފައިނޭންސް ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް އެ ދެ ބޭފުޅުން އައްޔަންކޮށްފައި ވަނީ އެ މަގާމުތައް ކުރިން ފުރަމުންދިޔަ ޝެއިޚް އަހްމަދު ފަހަދު އަލް އަހްމަދު އަލް ސަބާހާއި ރިޗާޑް ލައި އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

މާކެޓިން ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ކުރިން އޭނާ ފުރުއްވަމުން ގެންދެވި އޭއެފްސީ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ހުސްވާނެ އެވެ. އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމިޓީގެ ކުރީގެ ޗެއާމަން ޝަވީދަކީ އެކުވެރި އަރަބި އިމާރަތުގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕްގެ އޮގަނައިޒިން ކޮމިޓީގެ މެންބަރުކަން އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭގެ އިތުރުން ޝަވީދަކީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި އެސޯސިއޭޝަން އޮފް ނެޝަނަލް އޮލިމްޕިކް ކޮމިޓީސް (އޭއެންއޯސީ)ގެ ރައީސް ކުވައިތުގެ ޝައިޚް އަހްމަދު އަލް ފަހްދު އަލް ސޮބާހްގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރައްވަމުން ބޭފުޅެކެވެ.

comment ކޮމެންޓް