ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.
ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެދި ޝިނާން މިއަދު ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލްއަށާއި އިލެކްޝަން ކޮމިޝަނަށް ސިޓީ އެއް ފޮނުއްވަވާފައެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާ ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައެއްނުވެއެވެ.
ޝިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވެސް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި އެބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ސިނާން އާއި އިލްހާމް އާއި ޝަހުދީ އާއި އަބްދުއްލަތީފްގެ އިތުރުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.