މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ހދ. ކުޅުދުއްފުއްޓާއި އއ. މާޅޮސް ބައްދަލުކުރި މެޗު އެއްވަރުވިއިރު ގދ. ތިނަދޫއިން ސ. ފޭދުގެ މައްޗަށް ކުރި ހޯދައިފިއެވެ.
މިއަދު ހަވީރު އަމިއްލަ ދަނޑުގައި މާޅޮހާ ދެކޮޅަށް އެ ރަށު ޓީމުން ކުޅުނު މެޗު އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ.
ތިނަދޫއިން އަމިއްލަ ދަނޑުގައި ފޭދޫގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ތިނަދުއާ ފޭދޫ ކުޅުނު މެޗަށް ބަލާއިރު ލަނޑެއް ޖަހައި ފުރަތަމަ ކުރި ހޯދީ ފޭދޫ ޓީމުންނެވެ. އެ ލަނޑު މެޗުގެ 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހްމަދު ތޮލާލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެ ނަތީޖާއާއެކުއެވެ.
ދެވަނަ ހާފުގެ 65 ވަނަ މިނިޓްގައި ތިނަދޫއިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ތިނަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން އަބްދުލް ހަކީމްއެވެ. ތިނަދޫ އަށް ލީޑު ނަގައިދިނީ 69 ވަނަ މިނިޓްގައި އިބްރާހިމް ޝަފްރާދްއެވެ. އަދި ފަހު ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝަފްރާދުއެވެ.
ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ކުޅުދުއްފުށްޓާއި އޭދަފުށީގެ އިތުރުން ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ. ގްރޫޕް ދޭއްގައި ތިނަދު އާއި ކުޑަހުވަދޫގެ އިތުރުން ދެން ހިމެނެނީ އައްޑޫ ސިޓީ ފޭދޫ އަދި ތ. ތިމަރަފުށްޓެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ.