ޕްލެޓިނީގެ ސަސްޕެންޝަނަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި

މިޝޭލް ޕްލެޓިނީ: އޭނާގެ އިސްތިއުނާފްގެ މައްސަލަ ވަނީ ސްވިސް ސުޕްރީމް ކޯޓުން ބޭރުކޮށްލާފައި -- ފޮޓޯ: ގެޓީ

ކޮރަޕްޝަންގެ މައްސަލައެއްގައި ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ)ގެ ކުރީގެ ނައިބު ރައީސް މިޝޭލް ޕްލެޓިނީ ހަތަރު އަހަރަށް ސަސްޕެންޑުކުރުމަށް ކޮށްފައިވާ ހުކުމަށް ސްވިޓްޒަލޭންޑްގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ޕްލެޓނީގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި، ސްވިސް ފެޑެރަލް ޓްރައިބިއުނަލުން ބުނީ، ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސް (ސީއޭއެސް)އިން ޕްލެޓީނީގެ މައްޗަށް އެކަށީގެން ނުވާވަރުގެ ހުކުމެއް އިއްވާފައި ނުވާ ކަމަށެވެ.

ކޯޓުން ނިންމީ، ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަރގެ ޕްރެޒިޑެންޝަލް އެޑްވައިޒަރެއްގެ ގޮތުގައި 1998-2002އަށް ޕްލެޓިނީ މަސައްކަތްކުރެއްވި އިރު، އޭނާއަށް ދޭން ޖެހޭ މުސާރައެއް ކަމަށް ބުނެ، 2011 ވަނަ އަހަރު ބްލެޓާ ދެއްވި ދެ މިލިއަން ޑޮލަރު ޕްލެޓިނީއަށް ހައްގު ނޫން ކަމަށެވެ.

މި މައްސަލާގައި ޕްލެޓިނީއާއި ބްލެޓާ ވެސް ވިދާޅުވެފައި ވަނީ، އެ ފައިސާއަކީ އެ ދެފަރާތުގެ ދެމެދުގައި އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ މަތީން ދޭން ޖެހޭ ފައިސާ ކަމަށެވެ. އެހެން ނަމަވެސް ފީފާއިން ވަމީ އެ ދެބޭފުޅުން މަގާމުގެ ނުފޫޒު ބޭއްނުން ކުރައްވާފައިވާ ކަމަށް ބުނެ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ދިގު މުއްދަތަކަށް އެ ދެބޭފުޅުން ވެސް ސަސްޕެންޑުކޮށްފަ އެވެ.

ކޮރަޕްޝަންގެ މި މައްސަލާގައި ޕްލެޓިނީއަށް ޔުއެފާގެ ރައީސްކަން ގެއްލުނު އިރު، ބްލެޓާއަށް ވަނީ ފީފާގެ ރައީސްކަން ގެއްލިފަ އެވެ.

comment ކޮމެންޓް