އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބުކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
ސިޓީއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މި މެޗު ސިޓީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓުގައި އެފެއްދި ހަމަލާއެއްގައި ސިޓީއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގިނަ ދުވަސް ތަކަކަށްފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުންދިޔަ ޖެކް ގްރީލިޝްއެވެ.
އޭނާ އެންމެ ފަހުން ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގު މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހަމައެއާއެކު މިލަނޑު ވެގެން ގޮސްފައިވަނީ ވޭތިވެދިޔަ 16 މަސް ތެރޭގައި ގްރީލިޝްއަށް ޕްރިމިއާ ލީގުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑަށެވެ.
މި މެޗުގައި ސިޓިީއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ލެސްޓާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބު ކޮށްފައިވަނީ އޮމަރު މަރުމޫޝްއެވެ.
ކުރިއަށް އޮތް ދެމަހެއްހާ ދުވަހު, އެ ޓީމުގެ ފޯވަޑް އާލިން ހާލަންޑަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ދާދިފަހުން ހާމަވެފައިވާއިރު މިލަނޑުގެ ސަބަބުން ހާލަންޑް ނެތްތަން ފޫބެއްދުމަށް މަރުމޫޝް ކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް ލިބިގެންދާނެވެ. މި މެޗުގައި ސިޓީއަށް ލިބިގެންދިޔަ އަނެއް ހިތްހަމަ ޖެހުމަކީ ގިނަ ދުވަސް ތަކަކަށްފަހު އަނިޔާއިން އެނބުރި އައިސް އޮސްކާ ބޮބް ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.
މިކާމިޔާބީ އާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަައިގައެވެ. އަދި ލެސްޓާ އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.
މި މުބާރާތުގައި އިޕްސްވިޗް ޓައުން އާއި ބޯންމޯތު ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އިޕްސްވިޗްއެވެ. މި މެޗުގައި އިޕްސްވިޗްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނޭތަން ބްރޯޑްހެޑް އާއި ލިއަމް ޑެލަޕްއެވެ. އަދި ބޯންމޯތުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެވަނީލްސަންއެވެ.
މި ކާމިޔާބީއާއެކު އިޕްސްވިޗް މިހާރު އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. އަދި ބޯންމޯތު އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.