ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލްގެ ފަހު ޖާގަ އެފްސީ ބާސެލޯނާއިން ކަށަވަރުކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ބާސާއިން ކަށަވަރު ކޮށްފައި ވަނީ މިމުބާރާތުގެ ސެމީ ފައިނަލްގައި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ބާސާގެ ދަނޑުގައި ހަތަރު ލަނޑު ހަތަރު ލަނޑުން ދެޓީމު އެއްވަރު ވީއިރު އެޓްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ބާސާއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 27ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޯރޭޒްއެވެ. މިމެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް އަށް ލަނޑު ފެނިގެންދިޔަ ފުރަތަމަ ލެގުހާ ފޯރި ގަދަ އެއް ނުވިއެވެ.
އޭގެ ބަދަލުގައި ދެޓީމުން ވެސް ފެނިގެންދިޔައީ ވަރަށް ބޮޑަށް ވިސްނައިގެން ގޯހެއް ނުހަދާވެތޯ ބަލައިގެން ކުޅުނު ތަނެވެ. މިމެޗުގައި އެތްލެޓިކޯއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރާނެ ފުރުސަތު ވެސް ލިބިފައެވެ. މިގޮތުން ބަދަލު ކުޅުންތެރިޔާ އެލެގްޒެންޑާ ސޯލޮތުއަށް ލިބިގެންދިޔަ ދެ ފުރުސަތެއް ފާހަގަ ކުރެވެއެވެ.
މިކާމިޔާބީއާއެކު ބާސާއިން ކޮޕާ ޑެލް ރޭގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ބާސާއަކީ ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު 2025ވަނަ އަހަރު ބަލިނުވާ ހަމައެކަނި ޓީމެެވެ. މީގެއިތުރުން މިމަހުގެ 26ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިޥާ ފައިނަލްގައި ބާސާއިން ވާދަކުރާނީ ސްޕެނިޝް ފުޓްބޯޅައިގާ އެޓީމާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑާއެވެ.
މިފައިނަލް ވެގެންދާނީ ކޮޕާ ޑެލްރޭގެ ފައިނަލްގައި އެލް ކްލަސިކޯ ފެނިގެންދާ އަށްވަނަ ފަހަރަށެވެ. މިމުބާރާތުގެ ފައިނަލުން ރެއާލް ޖާގަހޯދީ ސެމީ ފައިނަލްގައި ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކޮށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.