ރޯދަ އިނާޔަތް ނުދީގެން 59 މައްސަލަ، 41 މީހަކަށް އިނާޔަތް ހޯދައިދީފި

މާލޭގެ މިސްކިތެއްގައި ރޯދަ ވީއްލަން ބަޔަކު ތައްޔާރު ވަނީ: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯދަ އިނާޔަތް ނުދީގެން 59 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 41 މީހަކަށް އެ އިނާޔާތް ހޯދައިދީފައި ވާކަމަށް ލޭބާ ރިލޭޝަން އޮތޯރިޓީން ބުނެފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދޭން ޖެހެ އެވެ. އަދަދެއްގެ ގޮތުގައި ގާނޫނުގައި ބުނެފައި ވަނީ 3،000 ރުފިޔާ ކަމަށެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަބްދުއްރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ، ރޯދަމަހުގެ ނިޔަލަށް އިނާޔަތް ނުދީގެން 46 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން 41 ފަރާތަކަށް ރޯދަ އިނާޔަތް ހޯދައިދީފައިވާ ކަމަށެވެ.

ބާކީތިބި ފަސް މީހުންނަށް ރޯދަ އިނާޔަތް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ރޯދަ މަސް ނިމުނުފަހުން، އިނާޔަތް ނުލިބުމުގެ 13 މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހެޅުމުން އެކަންވެސް ބަލަމުން އަންނަ ކަމަށް ނާފިޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަޒީފާ ދޭ ފަރާތަށް ގާނޫނުގައި ބުނެފައިވާ އެއްޗެއް ވިސްނައިދީގެން މިހޯދައިދެނީ. މިހާރު އިނާޔަތް ނުލިބި ހުރި ފަރާތްތަކަށްވެސް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ބެލެވޭ،" ނާފިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިނާޔަތް ނުދީގެން އެއްވެސް ކުންފުންޏަކާ މެދު އަދި ފިޔަވަޅު ނާޅާކަމަށާއި އެ އޮތޯރިޓީން މަސައްކަތް ކުރަނީ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރަން ކަމަށެވެ.

މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކުންފުނިތައް 5000 ރުފިޔާއިން ފެށިގެން 50000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު އެހެންވެސް ބޮޑެތި އަދަބުތައް ގާނޫނުން ކަނޑައެޅިފައިވެ އެވެ.

comment ކޮމެންޓް