ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދިނުމަކީ ސިއްހީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ލިބުނު ކުރިއެރުމެއް ކަަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ބުނެފިއެވެ.
އެމްއެޗްޕީޔޫ އިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ސިއްހީ މަސައްކަތްތެރިންނަކީ ނުހަނު ހައްސާސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމީހުންގެ އާއިލާތަކާއި އަމިއްލަ ނަފުސުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ގިނަ ޤުރުބާނީތަކެއް ވަމުންދާ ފަރާތްތަކެއްކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ އިންސާނީ އަދި ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލާކަމަށް އެ ޔޫނިއަނުން ބުންޏެވެ.
އަދި އެމްއެޗްޕީޔޫއިން ވަނީ ރާއްޖޭގެ އެންމެހާ ސިއްހީ މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އެ ޔޫނިއަންއިން ވަކާލުތުކޮށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.
މީގެ އިތުރުން ޞިއްޙީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެ ޔޫނިއަންއާ ގުޅިގެން މަސައްކަތްކުރުމަށް، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ސިއްހީ މަސައްކަތްތެރިންނަށް އެމްއެޗްޕީޔޫއިން ވަނީ ގޮވާލައިފައެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ހަތްވަނަ އިސްލާހުގައިވާ ގޮތުގައި، ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން މަސައްކަތަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެއެވެ.
އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ދޭންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އަދި ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން، ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވެސް ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންޖެހޭނެއެވެ. މި ގާނޫނުގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނެއް ނުހިމެނޭނެއެވެ.