އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެ ކޮމިޓީތަކަށް މި އަހަރު ވެސް ރޯދަ އެލަވަންސް ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމުން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފައެވެ. އެއާއެކު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، ރައީސް އެ ބިލް ތަސްދީގު ކުރެއްވުމުން މި ރޯދަމަހާ ދިމާކޮށް ވެސް ޑަބްލިޔުޑީސީތަކަށް އެލަވަންސް ދޭނެ ކަމަށެވެ.
އެ އިސްލާހުގައި އޮންނަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
އަންހެނުންގެ ކޮމިޓީތަކަށް ރޯދަ އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ، ސަރުކާރު މުވައްޒަފުންނަށް މާދަމާގެ ކުރިން ރޯދަ އިނާޔަތް ދޭން އަންގައިފައެވެ. އަދި މިއަދު ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް ވަނީ، ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ހަނދާންކޮށްދީފައެވެ.
އެ އޮތޯރިޓީން ވަނީ، ވަަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަމަސްް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެކަމަށް ބުނެފައެވެ.
ކަލަންޑަރުގައި އޮތް ގޮތުން، މި އަހަރުގެ ރޯދަމަސް ފެށެނީ އަންނަ މާރިޗު މަހުގެ އެކެއްގައެވެ.
އަޅުކަމަށް ވަގުތު ދިނުމުގެ ގޮތުން، ރައީސްވަނީ ރޯދަ މަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރަން ވެސް ނިންމަވައިފައެވެ.