ތަންކޮޅެއް ކުރީން، ފީފާގެ ރައީސްކަމުގެ މަގާމާ ދުރަށް ނުދެވުނީތީ މިހާރު ހިތާމަކުރައްވާކަމަށް، ދުނިޔޭގެ ފުޓްބޯޅައިގެ އިދާރާގެ ރައީސްކަމުން ދުރުކޮށްފައިވާ ސެޕް ބްލެޓަރ ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި ފީފާގެ ރައީސްކަމުން ބްލެޓާ ދުރުކުރީ 2015 ވަނަ އަހަރުއެވެ.
އުމުރުން 81 އަހަރުގެ ބްލެޓަރގެ މައްޗަށް ވަނީ، ފީފާގެ ގަވާއިދުތަކާ ޚިލާފަށް ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީއަށް 1.8 މިލިއަން ޔޫރޯ ދިފައިވާކަން ސާބިތުފައެވެ. އެ މައްސަލަ ވެގެން ދިޔައީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގެ މަގާމުގައި ބްލެޓަރ ހޭދަކުރެއްވި 17 އަހަރުގެ ދިގު މުއްދަތު ނިމުމަކަށް އައިސް ސިއްކަ ޖެހެން މެދުވެރިވި ސަބަބަށެވެ.

ޔުއެފާގެ ރައީސް(ކ) ޕްލެޓްނީ އަދި ފީފާގެ ރައީސް(ވ) ބްލެޓާ --- ފޮޓޯ:ސްކައި ސްޕޯޓްސް
ނަމަވެސް އެ ފައިސާ އަކީ ދެ މީހުންގެ ދެމެދުގައި 'ޖެންޓަލްމަންސް އެގްރީމަންޓް" އެއްގެ ދަށުން ކުރެވުނު މުއާމަލާތެއް ކަމަށް ބުނެ، ބްލެޓާ އާއި ޕްލެޓިނީ ވެސް ވަނީ ކުށެއް ކުރި ކަމަށް އިންކާރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފީފާއިން ފުރަތަމަ ނިންމީ ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، ފީފާ އިން ނިންމީ އެ ދެ މީހުން ހަ އަހަރަށް ސަސްޕެންޑް ކުރުމަށެވެ.
"އަހަރެން ތަންކޮޅެއް ކުރީން އަމިއްލައަށް އެ މަގާމުން ދުރުވާން ޖެހޭ،" ފީފާގެ މަގާމާ ދުރަށްދެވުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި، ސްވިސް ނޫހެއްކަމަށްވާ ސޮންޓެގްސްބްލިކަށް ދެއްވި އިންޓަވިއުއެއްގައި ބްލެޓަރ ވިދާޅުވިއެވެ.
ފީފާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މީގެ އަހަރުތަކެއް ކުރީން ސޮންޓެގްސްބްލިކްގެ ޗީފް އެޑިޓަރ ކުރިމަތި ކުރި ސުވާލުތަކެއްގެ ހަނދާންވެސް ބްލެޓަރ އާކުރެއްވިއެވެ.
"އެއީ 2014 ވަނަ އަހަރު، އޭނަ އަހަރެން ގާތު އެހުމުން އަހަރެން ބުނިން، ބައެއް ޕްރޮޑަކްޓްތަކުގައި ލިޔެފައި ހުރޭ ނޫންހޭ ފިނިތަނެއްގައި ރައްކާކޮށްފައި ހުންނަ ނަމަ، އެކްޕަޔަރީ މުއްދަތަށްވުރެ ގިނަ ދުވަހުވެސް ބޭނުން ކުރެވިދާނެއޭ،" ބްލެޓަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމޭޑިއަން ލީ ނިލްސަން ފީފާގެ ކުރީގެ ރައީސް ބްލެޓާއާ ދިމާއަށް އަމާޒުކޮށް "އޮއްސާލި ޑޮލަރުގެ ވާރޭގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯ --- ފައިލް ފޮޓޯ/ ގެޓީ އިމޭޖަސް
ބްލެޓަރގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި އަދި ގުޅިގެން، ފީފާއަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.
ފީފާގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 300 މިލިއަން ޕައުންޑް، އަދި މިހިނގާ 2017 ވަނަ އަހަރު 400 މިލިއަން ޕައުންޑު ގެއްލުން ވާނޭކަމަށް ބެލެވެއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް މިފަދަ ބޮޑު ގެއްލުމެއް ވެފައި ވަނީ، ވޭތުވެ ދިޔަ އަހަރު ތަކުގައި އެ އިދާރާގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކާ ގުޅިގެން ގާނޫނީގޮތުން ކުރަން ޖެހުނު މަސައްކަތްތަކާއި، އަދި އޭރު ކޮށްފައިވާ ދެކޮޅުނުޖެހޭ އިންވެސްޓްމަންޓް ތަކުގެ ސަބަބުންނެވެ.
ފީފާގެ މާލީ ނަތީޖާތަކަށް ބަލާއިރު، ވޭތުވެ ދިޔަ ދެއަހަރުވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 2015 ވަނަ އަހަރު ވެސް އެ އިދާރާއަށް 100 މިލިއަން ޕައުންޑް ގެއްލުން ވެފައި ވެއެވެ.