ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމާ ގުޅިގެން ރާއްޖޭގައި ތެލުގެ އަގު ކުޑަވެފައިވުމަކީ މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.
ތެލުގެ އަގު ހެޔޮ ކުރުމާ ގުޅިގެން އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކަމާ ބެހޭ ކުންފުނިތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދްލީ ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާގައި އެންމެ މުހިއްމު އެއް ބަޔަކީ އުފެއްދުންތެރިކަން އިތުރު ކުރުން ކަމަށާއި މިފްކޯއިން ދަނީ ރާއްޖޭގައި އުފައްދާ އުފެއްދުންތައް އުފައްދައި ބޭރު ކުރަމުން ކަމަށެވެ. އަދި އެކުންފުނީގެ އެންމެ ބޮޑު ދެ ޚަރަދަކީ މީހުންގެ ޚަރަދާއި ތެލުގެ ޚަރަދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މީހުންނަށް ކުރާ ޚަރަދަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާ އެއްޗެއް. އެކަމަކު ތެލަށް މިކުރާ ޚަރަދަކީ ރާއްޖެއިން ބޭރަށް ދާ ޚަރަދެއް. އެހެންވެ އެއިން ކުޑަވާ ކޮންމެ އެއްޗަކީ އަޅުގަނޑުމެން އިތުރަށް ކޮމްޕެޓެޓިވް ވާން ބޭނުން ކުރެވޭ އެއްޗެއް. އަޅުގަނޑުމެން މި ވާދަ ކުރަނީ ރާއްޖޭގެ ފަރާތްތަކަކާ އެކަންޏެއް ނޫން. އަޅުގަނޑުމެން ވާދަ މިކުރަނީ އަޅުގަނޑުމެންނަށްވުރެ މާ އެނާޖީ އެފިޝަން މީހުންނާ. އެހެންމަ ތެލުގެ އަގަކީ އަޅުގަނޑުމެންނަށް އިމްޕެކްޓެއް ބާޒާރުގަ ކޮމްޕީޓް ކުރުމަށް. (ތެލަށް) މިއަންނަ ކޮންމެ ބަދަލަކީވެސް މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ލިބޭ ކުރިއެރުމެއް،" އަދްލީ ވިދާޅުވިއެވެ.
އަދްލީ ވިދާޅުވި ގޮތުގައި މަސްވެރިން މަހަށް ނުކުތުމާއި ތެލުގެ އަގާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެގޮތުން ތެލުގެ އަގު ކުޑަވަމުން އައިސް މިހާރު 400 ކިލޯގެ މަހުން ލިބޭ އާމްދަނީން 900 ލީޓަރުގެ ތެޔޮ ލިބޭ ކަމަށާއި އެހެން ކަމުން މަސް ހޯދުމަށް އިތުރަށް ދުށްވުމަށް މަސްވެރިންނަށް ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަސްވެރިންނަށް އުނދަގޫ ތެޔޮ ޚަރަދު ބޮޑުކަމަށްވާނަމަ ފުރަން މަސްވެރިކަން ދަށް ދުވަސްވަރު. އެކަމަކު މިހާރު މިހިރަ ތެލުގެ އަގުގަ، ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން މަސްވެރިންނަށް ތެލުގެ އަގު ކުޑަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ. މިހާރު އަދި ޑިއުޓީން ކުޑަވި ވަރަށްވުރެ ބޮޑަށް މަސްވެރިންނަށް މިވަނީ ތެލުގެ އަގު ކުޑަ ކޮށްދީފަ. މިހެންވުމުން މިއީ މަސްވެރިން މަސްވެރިކަމަށް ނުކުތުމަށް ދެވޭ އިތުރު ބާރެއް،" އަދްލީ ވިދާޅުވިއެވެ.
އަދްލީ ވިދާޅުވީ ތެލުގެ ޚަރަދު ކުޑަވެއްޖެއްޔާ މަސްވެރިކަން ދަށްވިޔަސް މަސްވެރިން ބަރާބަރަށް މަހަށް ނުކުންނަ ކަމަށެވެ. އަދި ތެލުގެ އަގު ކުޑަ ވުމަކީ މަސްވެރިންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.
އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައުމާއެކު މިހާރު ޑީސަލް ލިޓަރެއް ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއްގެ އަގު މިވަނީ 8.65ރ. އަށް ހެޔޮ ވެގެން ގޮސްފައެވެ. މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ވަނީ އެއަށްވުރެވެސް ކުޑަ ކޮށްދީފައެވެ.