އީގަލްސް އާއި ވިކްޓަރީގެ ދެ ވަނަ ކުރިމަތިލުން ވެސް އެއްވަރު

މާލޭ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްއާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ކުޅުނު ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުގެނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ލީގުގައި މިއަދު ހަވީރު އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އޭގެ ކުރިން ފުރަތަމަ ބުރުގައި އީގަލްސް އާއި ވިކްޓަރީ ބައްދަލު ކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ވިކްޓަރީގެ މުހައްމަދު ސެޑިކް ފޮނުވާލި ހަމަލާ، އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު ހާފު ނިމެނިކޮށް އީގަލްސްގެ އަހުމަދު ރިޒުވާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވަނީ އީގަލްސްއަށެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ އެ ޓީމުގެ ރިޒްވާނަށެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފަށެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އީގަލްސް އޮތީ ކުޅުނު ދިހަ މެޗުން ހޯދި 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނާގަ އެވެ. ވިކްޓަރީ އޮތީ ކުޅުނު ދިހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނާގައެވެ. ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 21 ޕޮއިންޓެވެ. ލީގުގައި މާޒިޔާއިން ނުވަ މެޗު ކުޅެފައިވީ ނަމަވެސް، ނިއުއިން ވަނީ ދިހަ މެޗު ކުޅެފައެވެ. މާޒިޔާއިން މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނާނެއެވެ.

comment ކޮމެންޓް