މާލޭގެ ބޮޑުތަކުރުފާނުމަގު ތާރުއެޅި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތާރުއެޅިމަގުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 5:15 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަކުރަމް ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ސައިކަލްގައި ދަމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ކައިރިން ގޯޅިން ލަނބާލަނިކޮށް އެމަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ސައިކަލްގައި ޖެހި އެކްސިޑެންޓްވީ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެއެވެ. ނަމަވެސް އަކުރަމްގެ ވައަތު ފައިގެ ކުޑަހުޅު ވަނީ ބިންދައިގެންގޮސްފައެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެކްސިޑެންޓްވި އަނެއް ސައިކަލް ދުއްވަން އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ސައިކަލްގެ ފަހަތުގައި އިނީ 19 އަހަރުގެ ފިރިހެން ކުއްޖެކެވެ.