މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި، ކޮންޓްރޯލް ނުވެގެން ގޮސް ގުދަނެއްގެ ތެރެއަށް ވަދެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެކްސިޑެންޓު ހިނގައިފައިވަނީ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލު ޖެހިގެން ކަމަށެވެ. އެ ސައިކަލު ދެން ކޮންޓްރޯލް ނުވެގެން ގޮސް، އެ ދިމާލަށް ހުރި ގުދަނެއްގެ ދޮރުގައި ޖެހުނީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭ 00:15 އެހައިކަންހާއިރު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަންއިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.
ފުލުހުން ވަނީ އެކްސިޑެންޓްވި މީހާ ދުއްވަން އިން ސައިކަލު ޓޯކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އުޅަނދުތަކުން ތޮއްޖެހިފައިވާ މާލޭގައި އެކްސިޑެންޓުތައް ވަރަށް ގިނައެވެ. އެފަދަ އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައް ލިބި، މީހުން މަރުވެފައި ވެސްވެއެވެ.
ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެގޮތުން ފުލުހަށް ޖުމްލަ 6,776 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި 1,700 އެކްސިޑެންޓް ހިމެނެއެވެ.