ޓެކުހަށް މަކަރު ހެދުމުގެ ކުށުގައި ޑިމާރިއާއަށް އަހަރު ދުވަހުގެ ޖަލުހުކުމެއް

އާޖެންޓީނާގެ ތަރި އަންހެލް ޑި މާރިއާގެ މައްޗަށް ވަނީ ޓެކުހަށް މަކަރުހެދުމުގެ ކުށް ސާބިތުގެ، އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައި -- ފޮޓޯ: ރޮއިޓާސް

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި އަންހެލް ޑިމާރިއާގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ފެންމަތިކުރި ޓެކުހަށް މަކަރުހެދުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ 12 މަސް ދުވަހުގެ ޖަލުހުކުމަކާއި 1.76 މިލިއަން ޕައުންޑުގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާ ވިންގަރގެ މައްޗަށް ސްޕެއިންގެ ޓެކްސް އޮތޯރިޓީން ވަނީ، އޭނާ ރެއާލްގައި ހޭދަކުރި ދުވަސްވަރު، (2012- 2013އަށް)، އިމޭޖްރައިޓްސްއަށް ލިބުނު ފައިސާގެ ތެރޭން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 1.3 މިލިއަން ޔޫރޯއަށް ވާ ފައިސާ ނުދައްކާކަމަށް ބުނެފައެވެ. އަދި ޑި މާރިއާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

ޑި މާރިއާގެ މައްސަލައާ ގުޅޭގޮތުން ސްޕެއިންގެ ޓެކްސް އޮތޯރިޓީއާ ހަވާލާދީ ބީބީސީން ބުނީ، ޑި މާރިއާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، 2 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކައި މައްސަލަ ހައްލުކުރުމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ޕީއެސްޖީގެ ތަރި އަންހެލް ޑި މާރިއާ-- ފޮޓޯ: އީސްޕީއެސްއެފްސި

ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ދެ އަހަރަށްދުވެ ކުރު މުއްދަތެއްގެ ޖަލުހުކުމެއް އިއްވޭ މީހެއްގެ އެ ހުކުމަކީ އޭނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެއްޖެ ނަމަ، ޖޫރިމަނާ ދައްކައިގެން ޖަލަށް ނުގޮސް ސަލާމަތްވެވެއެވެ. އެގޮތުން ޑި މާރިއާވެސް ވަނީ، އެގޮތަށް މައްސަލަ ހައްލުކުރުމަށް އެއްބަސްވެފައެވެ.

ޕީއެސްޖީއަށް ބަދަލުވުމުގެ ކުރީން މެންޗެސްޓާ ޔުނައިޓެޑްގައި ވެސް ދުވަސްތަކެއް ހޭދަކުރި އުމުރުން 29 އަަހަރުގެ ޑި މާރިއާއަކީ، ސްޕެއިންގެ ޓެކްސް އޮތޯރިޓީން މިފަހަކަށް އައިސް ބަލަމުންދާ މައްސަލަ ތަކުގައި ބެދުނު ހައި-ޕްރޮފައިލް އެއް ކުޅުންތެރިއެކެވެ.

މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯއާއި، ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީވެސް ސްޕެއިންގެ ޓެކްސް އޮތޯރިޓީން، ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުކުރާ ދެ މީހުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ --

އުމުރުން 54 އަހަރުގެ މޮރީނިއޯގެ މައްޗަށް ސްޕެއިންގެ ޕްރޮސިކިއުޓަރުން ވަނީ، 2011 އިން 2012އަށް އޭނާ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިން ދުވަސްވަރު އޭނާގެ އިމޭޖް ރައިޓްސް އިން ލިބޭ އިންކަމް ހާމަކޮށްފައިނުވާކަމަށް ބުނެފައެވެ.

އެގޮތުން 2011 ވަނަ އަހަރު 1.6 މިލިއަން ޔޫރޯ، 2012 ވަނަ އަހަރު 1.7 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކައި ވާކަމަށް ތުހުމަތުކޮށްފައި ވެއެވެ. މެޑްރިޑްގެ ޕްރޮސިކިއުޓަރުން ބުނާގޮތުގައި މިހާރު އެ މައްސަލަ ވަނީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ކ). ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) -- ގެޓީ ފޮޓޯ

ރޮނާލްޑޯގެ މައްޗަށް ވަނީ 14.7 މިލިއަން ޔޫރޯގެ ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތެއް ކޮށްފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް، އޭނާގެ މަޗަށް މިހާރު ވަނީ ޖުލައި 31 ވަނަ ދުވަ ކޯޓަށް ހާޒިރުވުމަށްވެސް އަމުރުކޮށްފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ އޭނާ އެފަދަ ކުށެއް ކޮށްފައި ނުވާނޭ ކަމަށް ބުނެފައެވެ.

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށް އުފުލާފައިވާ ޓެކުހަށް މަކަރު ހެދުމުގެ ދައުވާގައި އޭނާ ކޯޓަށް ހާޒިރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން، ބާސެލޯނާގެ ދެ ތަރިން ކަމަށްވާ، ލިއޮނަލް މެސީއާއި، ނޭމާވެސް މިހާރުވެސް ތިބީ ކޯޓުގެ ނިންމުމަކަށް އިންތިޒާރުކުރުމުގައެވެ.

comment ކޮމެންޓް