އީދު ބަންދާ ދިމާކޮށް ކޯސްޓްގާޑުން އޮޑިދޯނިފަހަރު ޗެކް ކުރަން ފަށައިފި

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑިއެފްއިން އެހީތެރިވަނީ -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ކުރިއަށް އޮތް ފިޠުރު އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އޮޑިދޯނިފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ފެށި އެ ޕްރޮގްރާމްގެ ތެރެއިން، ކަނޑުމަތީގައި ދުއްވާ އުޅަނދުތަކުގައި، ސަލާމަތީ ސެޓްފިކެޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބަލަމުންދާނެ ކަމަށާއި އޭގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކަންތައްތަކުގެ އިތުރުން ކަނޑުމަތީގެ ހާދިސާތައް މަދުކޮށް، ދަތުރުވެރިންނަށް އަމާން ދަތުރަކަށް ހެދުމުގެ މަގުސަދުގައި ދަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާއިރު ރަށް ރަށުގެ ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމަން ދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި އެމްއެންޑީއެފްގެ އޭރިއާތަކުގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން އޭރިއާގައި ހިމެނޭ ރަށްތަކުގެ އުޅަނދުތައް ޗެކްކުރުމުން ދާނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ޕްރޮގްރާމަކީ ފިޠުރު އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް