މީހުން ސަލާމަތްކުރަނިކޮށް ގެއްލުނު ސިފައިންގެ މީހާގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ

ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު: އޭނާގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން އެހީއަށް ވަނީ އެދިފައި --

މިދިޔަ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމައިފިއެވެ.

މިދިޔަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އެ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސަލާމަތީ އޮޕަރޭޝަނެއް ހިންގިއެވެ.

އެ އޮޕަރޭޝަންގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

https://sun.mv/227924

އެ ހާދިސާގައި ގެއްލިފައިވަނީ އިމްރާހީމްގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުއެވެ. އެ މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު ބަލައި، ބޮޑު އޮޕަރޭޝަނެއް އެމްއެންޑީއެފުން ކުރިއަށްގެންދިޔައެވެ. ނަމަވެސް އެ އޮޕަރޭޝަން ހުއްޓާލައިފައިވާކަން މިދިޔަ ސެޕްޓެންބަރު މަހުގެ 23ގައި ސިފައިން ހާމަކުރިއެވެ.

ގދ. ތިނަދޫގައި ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގާ ލޮކާސް ޖަމިއްޔާއިން، ވަނީ އިބްރާހީމް ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން، އެހީއަށް އެދިފައެވެ.

ފުޓްސަލްގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވި އިބްރާހީމްގެ ހަނދާނުގައި މިސްކިތް އަޅަނީ 950 އަކަ ފޫޓުގެ ބިމެއްގައި ކަމަށާއި އެ މަސައްކަތަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ ތިން ލައްކަ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އިބްރާހީމްގެ އާއިލާގެ މެންބަރަކު ވެސް ވަނީ، އެ މަސައްކަތުން ވީވަރަކުން އެހީތެރިވެދިނުމަށް އެދި، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.

މީގެ ކުރިން ވެސް، ރާއްޖޭގައި ފާހަގަކޮށްލެވޭ އެކި މީހުންގެ ހަނދާނުގައި ބޭރުގައި މިސްކިތްތައް ބިނާކޮށްފައިވެއެވެ.

comment ކޮމެންޓް