މިދިޔަ އޯގަސްޓުގައި ކަނޑަށް ގެއްލުނު އިއްބެ މަރުވެފައިވާކަމަށް ނިންމައިފި، ކަށުނަމާދު ހުކުރު ދުވަހު

ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު: އޭނާ ނިޔާވިކަމަށް ނިންމާ، ކަށުނަމާދު ހުކުރު ދުވަހު ސަލްމާން މިސްކިތުގައި ކުރަނީ

ކަނޑުމަތީގެ ހާދިސާއެއްގައި ކަނޑަށް ގެއްލުނު ސިފައިންގެ އޮފިސަރު، އިބްރާހިމް އަހްމަދު (އިއްބެ) މަރުވެފައިވާކަމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ.

ގދ. ތިނަދޫ އޯޝަން ވިލާ، އުމުރުން 39 އަހަރުގެ އިބްރާހިމް އަހްމަދު، (އިއްބެ) ގެއްލުނީ މިދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ހުވަދޫ ކަނޑަށް ބަންޑުން ޖަހާލި ސަޕްލައި ދޯނި "ފްރެންޑް ހަތަރެއް" ހާދިސާގައި ދޯންޏާއި މުދާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި ބަންޑުން ޖަހާލި ދޯނީގެ ކެޕްޓަން ވެސް ގެއްލުނެވެ.

ކަށުނަމާދު ޕޭޖުގައި، އިއްބެ ގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ މައުލޫމާތު ޕޯސްޓްކޮށްފައިވާއިރު، އޭގައި ވާގޮތުން އިއްބެ މަރުވި ތާރީހް ކަމުގައި ބުނެފައިވަނީ އޭނާ ކަނޑަށް ގެއްލުނު ތާރީހެވެ.

އިއްބެގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އޮންނާނީ މިމަހުގެ 27 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މަސްޖިދު މަލިކި ސަލްމާން (ސަލާމާން މިސްކިތް) ގައެވެ.

https://sun.mv/227924

އިއްބެ ގެއްލުނު ހާދިސާގައި، ގެއްލުނު މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން އެމްއެންޑީއެފުން ހުއްޓާލިކަން ހާމަކޮށްފައިވާނީ ސެޕްޓެންބަރު މަހެވެ. އޭގެ ކުރިން އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލުނު މީހުން ހޯދުމަށް މުޅި ހުވަދޫ ކަނޑު އެއްކޮށް ބާލާފައިވާކަމަށާއި، ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ.

https://sun.mv/230538

ގދ. ތިނަދޫގެ ޖަމިއްޔާއެއްކަމަށްވާ 'ލޮކާސް' ޖަމިއްޔާއިން، ވަނީ އިއްބެގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމާ، މިމަހުގެ 15 ވަނަ ދުވަހު އާންމުންގެ އެހީއަށް ހުޅުވާލާފައެވެ. މި މިސްކިތް ބިނާކުރުމަށް ތިންލައްކަ ރުފިޔާ ހަރަދުވާނެކަމަށް ލާފާކޮށްފައިވެެެވެ.

comment ކޮމެންޓް