Sun Online
މިއަދުގެ ޖަލްސާގައި ޒުހޫރު ވާހަކަ ދައްކަވަނީ: އިންޖިނިއަރިން ދާއިރާގައި ފުރިހަމަ ތަޖުރިބާ ހުރިކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ޖަލްސާގައި ޒުހޫރު ވާހަކަ ދައްކަވަނީ: އިންޖިނިއަރިން ދާއިރާގައި ފުރިހަމަ ތަޖުރިބާ ހުރިކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގާމަށް އެކަށީގެން ނުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޒުހޫރު ރައްދު ދެއްވައިފި

އަހުމަދު ޝަރުވާން
ލިޔުނީއަހުމަދު ޝަރުވާން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި އަހުމަދު ޒުހޫރަކީ އެފަދަ މަގާމަކަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ބުނެ، ފާޑުކިޔާ ފަރާތްތަކަށް ޒުހޫރު މިއަދު ރައްދުދެއްވައިފި އެވެ.

ސްޓެލްކޯގެ ސީއީއޯގެ މަގާމަށް ޒުހޫރު އައްޔަނުކުރުމާ ގުޅިގެން އެކި ފަރާތްތަކުން ދަނީ، އެއީ އެމަނިކުފާނާ އެކަށީގެންނުވާ މަގާމެއް ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ ގިނަ މަގާމުތަކަކަށް ބަދަލުކުރަމުން އަންނަ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.

ނަމަވެސް ސްޓެލްކޯ އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ޖަލްސާގައި ޒުހޫރު ވަނީ އެ ވާހަކަތަކަށް އަދި ހީވާ ހީވުންތަކަށް ރައްދު ދެއްވައިފަ އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޒުހޫރު ސްޓެލްކޯގެ ބޮޑު ޖަލްސާއެއްގައި އަދި މީޑިއާގެ ކުރިމަތީގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ޒުހޫރު ވިދާޅުވީ މީގެކުރިން ތަފާތު މަގާމުތައް ފުރުއްވާފައިވީ ނަމަވެސް ކަރަންޓުގެ ދާއިރާއަކީ އޭނާގެ "ސީދާ ބެކްގްރައުންޑް" ކަމަށެވެ. އެ ދާއިރާއިން ތައުލީމު ވެސް ހާސިލްކުރައްވާ ކަމަށާއި ކަރަންޓުގެ ނުވަތަ އިންޖިނިއަރިން ދާއިރާގައި މަސައްކަތްތަކެއް ވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕަބްލިކްގައި ވެސް ވާހަކަތައް ދައްކާ ސުވާލުތައް އެބަކުރޭ، އެއްތަނުން އަނެއްތަނަށް ބަދަލުކުރަމުންދާ މީހެއް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ އޭ އެ ހަވާލުވީ. އެބޭފުޅާ އަކީ ކޮން ބެކްގްރައުންޑެއްގެ މީހެއްހޭ ކޯއްޗެއްހޭ އިނގެނީ މި ސުވާލު ވަރަށް ބޮޑަށް އެބަކުރޭ. އެހެންވީމާ އެއްވެސް މުވައްޒަފަކަށް ވެސް ނޭނގި އޮތް ކަމަށްވާ ނަމަ ބުނެލަން އޮތީ އަޅުގަނޑަކީ ހަމަ ސީދާ މި ބެކްގްރައުންޑްގެ މީހަކީމު،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ އިންޖިނިއަރިން ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު ތައުލީމަށް ބަލާ ނަމަ އިންޖިނިއަރިން ރޮނގުން ދެވެން އޮތް އެންމެ މަތީ ހަރުފަތަކަށް ދަތުރުކޮށްފައި ހުންނެވި ކަމަށެވެ.

"މަސައްކަތުގެ ދާއިރާއިން ވެލްޑިންކުރަން ވިޔަސް މެޝިނިން ކުރަން ވިޔަސް ވައިރުކުރަން ވިޔަސް އިންޖީނެއް ރޫޅަން ވިޔަސް މިފަދަ ކޮންމެ ކަމަކީ އަޅުގަނޑަކަށް އެއްވެސް ކަމެއްނޫން. އެއީ އަޅުގަނޑުގެ ބެކްގްރައުންޑް، އަޅުގަނޑަށް ލިބިފައިވާ ތައުލީމު އަދި ތިއޮރީ އަދި ޕްރެކްޓިކަލް ގޮތުން ވަރަށް ގިނަ ދުވަސްތަކެއް އެ ދާއިރާގައި މަސައްކަތް ކޮށްފައި ހުރި މީހެއް އަޅުގަނޑަކީ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އުޅެމުން ތައުލީމު ހާސިލް ކުރެއްވި އިރު، އެހެން ރޮނގަކުން ތައުލީމު ލިބި އިންޖިނިއަރިން ދާއިރާއިން އެހެން ދާއިރާއަކަށް "ހިޖުރަކުރަން" ޖެހިވަޑައިގަތީ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ބުނެލަން، މިއަދުގެ ރައީސް އަޅުގަނޑާ މިއަށް ވުރެ އެކަށީގެންވާ މަގާމަށް އަޅުގަނޑު އައްޔަނެއް ނުކުރޭ. އެހެންވީމަ [މަގާމާ ނުގުޅޭ ކަމަށް] ސުވާލެއް އުފެދިފައިވާ ފަރާތެއްވާ ނަމަ އެ ސުވާލެއްގެ ޖަވާބު ދެވިއްޖެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު މީގެ ކުރިން ސަރުކާރުގައި އަދާކުރި އިސް މަގާމުތަކަށް ބަލާއިރު ވަނީ ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ވަނީ ކުރައްވައިފަ އެވެ. އޭގެ އިތުރުން އިކޮނޮމިކް ކައުންސިލްގެ ކޯޗެއާކަން ކުރައްވާފައިވާ އިރު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާކަން އަދި އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.

ސްޓެލްކޯ އަށް 20 އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފުންނާއި އަތޮޅުތަކުގައި ތިބި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވެސް ދީފަ އެވެ.

×
DB released.