މިއީ މަޓާޓޯގެ އާ މޫނު!

ރާއްޖޭގެ އިގްތިސާދު ދަމަހައްޓާ ދާއިރާ، ފަތުރުވެރިކަމުގެ އެންމެ މުހިންމު މަސައްކަތް ކުރާ ޖަމިއްޔާއަކީ، ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯއެވެ. މަޓާޓޯ އުފެދިގެން އައިސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިހާރަކަށް އައިސް އެ ޖަމިއްޔާގެ ހަރަކާތްތައް ވަނީ މެކުހަށް ޖަހާލައިފައެވެ.

މަޓާޓޯއިން ކުރާ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކަށް ވަކި ދުލެއް ނުކުރެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައިވެސް މެއެވެ. މިހާރު މަޓާޓޯގެ ހަރަކާތްތަކުގެ މުގުލުގައި ހުރެ، އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަނީ މި ޒުވާން ޖިންސުލަތީފެވެ.

އަސްރާ ނަސީމް: އަސޫ ވިދާޅުވީ މަސައްކަތް ބުރަ ނަމަވެސް މަޓާޓޯގައި މަސައްކަތް ކުރަނީ، މަސައްކަތާއި ދާއިރާއަށް ޖެހިފައިވާ ލޯތްބަކާ ގުޅިގެން ކަމަށް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބަޔަކަށް އަސޫ އިނގޭނީ 'އަސޫ ނަސީމް'އޭ ބުނީމަ. އަސޫގެ ފުލް ނޭމް ބުނެފިއްޔާ ގިނަ ބަޔަކަށް ނޭނގިދާނެ،" މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ)، އޭނާގެ ވާހަކަތައް ކިޔައިދިނެވެ.

އަސޫއަކީ ފަތުރުވެރިކަމާ ގުޅި ލާމެހިފައިވާ އާއިލާއަކަށް އުފަން ފަރާތެކެވެ. އޭނާގެ ދެ ބޭބެއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނީގައި މަސައްކަތް ކުރާ ދެބެއިންނެވެ. އެހެންކަމުން އޭނާ އުޅެ ބޮޑުވީ އެކަހަލަ މާހައުލެއްގައެވެ.

"އަބަދުވެސް ފެންނަމީ އެމީހުން އުޅޭ ގޮތް. އެކިއެކި ފެއާތަކުން މީހުންނާ ބައްދަލުކޮށް، ރިސޯޓުތަކުން، ވަރަށް އިންޓެރެކްޓިވް ޖޮބެއްގައި އުޅޭތަން ފެނުނީ،"

އަސްރާ ނަސީމް: އަސޫ ވަނީ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީއިން ޓޫރިޒަމް ދާއިރާއިން ކިޔަވައި، މަތީ ނަތީޖާ ހާސިލުކޮށްފައި ---

އަސޫ ކިޔައިދިން ގޮތުގައި، އެހިސާބުން ޓޫރިޒަމް އަދި ހޮސްޕިޓެލިޓީގެ ދާއިރާއަށް ބޮޑު ޝައުގެއް އުފެދިއްޖެއެވެ. ކިޔަވަން ބޭނުންވީވެސް އެ ދާއިރާއިންނެވެ.

މެލޭޝިއާގެ ޓެލާސް ޔުނިވާސިޓީއިން ޓޫރިޒަމް އެންޑް ހޮސްޕިޓެލިޓީ ދާއިރާއިން އޮނާސް ޑިގްރީ ހާސިލުކޮށް، އަސޫ ވަނީ ޑީންސް ލިސްޓަށް ވެސް އަރައިފައެވެ. ކިޔަވަން އުޅުނު ދުވަސްވަރު ވެސް މެލޭޝިއާއާއި ރާއްޖޭގެ ރިސޯޓުތަކުގައި އިންޓާންޝިޕް ހެދުމަށްފަހު، މާލެ އައިސް ވަޒީފާއަށް ދާންފެށީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށެވެ.

އެމްއެމްޕީއާރުސީގެ ސޭލްސް އެންޑް ޕީއާރުގައި މަސައްކަތް ކުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި އޭނާގެ ފެށުމެވެ.

އަސްރާ ނަސީމް: އަސޫ މީގެ ކުރިން މަސައްކަތް ކުރީ އެމްއެމްޕީއާރުސީގައި. އޭރާއި މިހާރުވެސް ތަފާތު ޓްރެވަލް ފެއާތަކަށް އޭނާ ދަތުރުކުރޭ ---

"މަޓާޓޯގެ އެއް އަހަރު ތެރޭގައި ގިނަ ބަޔަކާ ދިމާވެ، މުޅި އިންޑަސްޓްރީއަށް ފަރިތަވެއްޖެ،" އަސޫ ކިޔައިދިނެވެ.

އެއަށްފަހު އޭނާ ގުޅުނީ މަޓާޓޯއާއެވެ. ކިހިނެއް ވާ ތަނެއްކަން ވެސް ނޭނގި، މަޓާޓޯއަށް ވަން އަސޫއަކީ މިހާރު އެ ޖަމިއްޔާގެ އިދާރީ ހިންގުންތެރިޔާއޭ ބުނެވިދާނެއެވެ.

އަސޫ ވިދާޅުވި ގޮތުގައި، މަޓާޓޯއަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް ފަންޑުކޮށްގެން ހިންގާ ޖަމިއްޔާއަކަށް ނުވާތީ، އެތަނުގައި މަސައްކަތް ކުރާ ވައްޓަފާޅި ވަރަށް ތަފާތެވެ.

މަޓާޓޯއިން ބޭއްވި ޓްރެއިިނިންގް ޕްރޮގްރަމެއްގައި، އަސޫ (މ) އަދި މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒް (ވ) ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ހުރިހާކަމެއްވެސް އަމިއްލައަށް ކުރަންޖެހެނީ. ފައިނޭންސާއި އެކައުންޓިންވެސް އަމިއްލައަށް. ފަންޑަސްވެސް ރެއިސްކުރަނީ އަމިއްލައަށް. މުސާރަވެސް ރަން ކުރުމަށް އެ ފައިސާވެސް ހޯދަނީ އަމިއްލައަށް މަސައްކަތް ކޮށްގެން. މިތަނުގައި އަމިއްލައަށް ކުރި މަސައްކަތަކުން ކުރިޔަށް ދެވެނީ. ކޮންމެ މަހަކުވެސް އެކަންކަމަށް ވާ ވަރަށް ފައިނޭންސް ހޯދުމާ މެދު ވޮރީ ކުރަންޖެހޭ ވަރަށް،" އަސޫގެ މަސައްކަތުގެ "ސްކޯޕް" ސަންއަށް ކިޔައިދިނެވެ.

މަޓާޓޯގެ ސެކްރެޓޭރިއަޓް ހިންގަނީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް، މަޝްހޫރު ޕްރެޒެންޓަރު އިބްރާހީމް މުނާޒްގެ އިތުރުން، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސޫއެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭ ފަރާތެވެ.

މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސް އޮންނަނީ މައިގަނޑު ހަތަރު ހަރަކާތެއްގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ ހަރަކާތް، ޕީޕަލްސް އެޑިޝަން އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އޮންނާނެއެވެ. މީގެ ކުރިން އެކި ފަރާތްތަކަށް އައުޓްސޯސް ކޮށްގެން ޓްރެވަލް އެވޯޑްސް ދިން ނަމަވެސް، މިއަހަރުގެ އެވޯޑްސްގެ ހަރަކާތްތައް މެނޭޖްކުރުމާއި، މާކެޓުކުރުމާއި، ސްޕޮންސަރުން ހޯދުމުގެ ހުރިހާ ޒިންމާއެއް އުފުލަނީ މަޓާޓޯއިން އަމިއްލައަށެވެ.

މިދިޔަ އަހަރު ބޭއްވި މަޓާޓޯގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އަސްރާ ނަސީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި ހުރިހާ ބުރައަކާ އެކު، މަޓާޓޯ ޖަމިއްޔާގެ ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މަޓާޓޯގެ ފަރާތުން ޓްރެވަލް ފެއާތަކުގައި ބައިވެރިވުން ފަދަ ކަންކަންވެސް ކުރަން ޖެހެއެވެ. މިކަމުގައި ފަސްޖެހުމެއް ނެތި ޖަމިއްޔާގެ ޑެޕިއުޓީ އެސްޖީ އަސްރާވެސް ބޮޑު ދައުރެއް އަދާކުރަނީ، ދާއިރާއަށް ޖެހިފައިވާ ބޮޑު ލޯތްބަކާއި ޝައުގެއްގެ ސަބަބުންނެވެ.

އަސޫ ވިދާޅުވި ގޮތުގައި، އަންހެނަކަށް ވެ ހުރެ، މިފަދަ ބޮޑެތި ޒިންމާތަކެއް އޭނާ އަދާކުރަނީ އެކަންތައް ކުރާ ހިތުންނެވެ. އެކަމުގައި އޭނާއަށް މަޓާޓޯގެ ސެކްރެޓޭރިއަޓާއި، މަޓާޓޯގެ ބޯޑުގެ ފަރާތުންވެސް އެއްބާރުލުން ލިބެއެވެ.

މިއަހަރުގެ ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރުކަމަށް "ސަން" ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުން: މިއީ އަސޫ ޓީވީއަކަށް އަރައި ވާހަކަ ދެއްކި ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޓާޓޯއިން ބާއްވާ ހަރަކާތްތަކާއި، ޚާއްސަކޮށް މިއަހަރު ބާއްވާ ޓްރެވަލް އެވޯޑްސްގެ ހަރަކާތްތަކާ ބެހޭ މައުލޫމާތުތައް މީޑިއާއާ ހަމައަށް ގެނެސްދޭން ހުންނާނީ އަސޫއެވެ. މިއަހަރު، ފުރަތަމަ ފަހަރަށް ޓީވީގެ ކުރިމައްޗަށް އަރަން ޖެހިލުންވި ނަމަވެސް، މިހާރު ޓީވީއާއި މީޑިއާއާވެސް އަސޫ ވަރަށް ފަރިތަވެއްޖެއެވެ. މަސައްކަތުގެ މައިދާނުގައި އަސޫއަށް ލިބިފައިވާ ޕީއާރު ތަޖުރިބާއަކާ އެކު، މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސްގައި އޭނާގެ ދައުރު ވަރަށް ފުރިހަމައަށް ފެންނާނެކަން ޔަގީނެވެ.

comment ކޮމެންޓް