މަޓާޓޯ ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮންލައިން ޕާޓްނަރުކަމަށް "ސަން" ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން މީޑިއާ ގްރޫޕު ހަމަޖައްސައިފި އެވެ.

ސަން މީޑިއާ ގްރޫޕުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމާއި، ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގް މިންހާ ފާއިޒް ރަޝާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ސަން މީޑިއާ ގްރޫޕު ހަމަޖެއްސީ، މަޓާޓޯ ޓްރެވަލް އެވޯޑްސްއާ ގުޅޭ ޚަބަރުތަކާއި މައުލޫމާތުތައް އެންމެ ފުރިހަމައަށް އާންމުންނަށް ފެތުރުމަށް ކަމަށެވެ.

އަސްރާ ވިދާޅުވި ގޮތުގައި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހަތަރު އެޑިޝަނެއް މިއަހަރު އޮންނާނެއެވެ. އެއީ ޕީޕަލް އެޑިޝަން، ގެސްޓްހައުސް އެޑިޝަން، ޓްރެވަލް ކޮންފަރަންސް އަދި ގާލާ ނައިޓެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮންލައިން ޕާޓްނަރުކަމަށް "ސަން" ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޓާޓޯއާއި ސަން މީޑިއާގެ ފަރާތުން މައުލޫމާތު ދެނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިންގް މިންހާ ފާއިޒް ރަޝީދު ވިދާޅުވީ މިއަހަރު ހަވަނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ އިރު، މީގެ ކުރީ އަހަރުތަކުގައި މީޑިއާ ޕާޓްނަރުގެ ހައިސިއްޔަތުން ނޫން ނަމަވެސް އެ އެވޯޑްސްއަށް ބޮޑު ކަވަރޭޖެއް ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފަހަރު މީޑިއާ ޕާޓްނަރުކަން ދިނީތީ ކުރިޔަށް ވުރެ ގްރޭންޑްކޮށް ކަވަރޭޖު ދިނުމަށް މަސައްކަތް ކުރާނަން. އެގޮތުން ސަން އޮންލައިންގެ އިތުރުން ސަން ޓީވީ އާއި ސަން އެފްއެމް މެދުވެރިކޮށް ވެސް ޓްރެވަލް އެވޯޑްސްގެ ހަތަރު އެޑިޝަން ޕްރޮމޯޓު ކޮށްދޭނަން،" މިންހާ ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017

  1. ޕީޕަލް އެޑިޝަން: މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ މަސައްކަތް ކުރާ އެކިއެކި މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
  2. ގެސްޓްހައުސް އެޑިޝަން: މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކުގެ މެދުގައި ދޭ އެވޯޑެއް. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރު ބާއްވާ ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސްގެ ތެރޭގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
  3. ޓްރެވަލް ކޮންފަރެންސް: މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްވެރިންނާއި އެހެނިހެން ފަރާތްތައް އެކުވެ، ދާއިރާގެ އެކިއެކި މައުޟޫއުތަކާ މެދު މަޝްވަރާކުރާ ބައްދަލުވުމެއް. ޓްރެވަލް ކޮންފަރެންސް އޮންނާނީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގެ އެއްދުވަސް ކުރިން. މިއަހަރަކީ ޓްރެވަލް ކޮންފަރެންސް ބާއްވާ ދެވަނަ އަހަރު.
  4. ގާލާ ނައިޓް: މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ފަހު އިވެންޓް. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަފްލާ. މި ހަފްލާ އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަވަނަ އަހަރު.
comment ކޮމެންޓް