ރޮނާލްޑީނިއޯ އަނެއްކާވެސް ކުޅުންތެރިއެއްގެ ގޮތުގައި އެނބުރި ބާސާއަށް!

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ---

ބާސެލޯނާގެ "ފަޚުރެއް ކަމަށްވާ" އެޓީމުގެ ކުރީގެ ތަރި ރޮނާލްޑީނިއޯ، މިހިނގާ ޖޫން މަހުގެ 30ގައި ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބާ ގުޅޭނެއެވެ.

ގާތްގަނޑަކަށް ނުވަ އަހަރު ފަހުން، ކުޅުންތެރިއެއްގެ ގޮތުގައި ޑީނިއޯ ބާސާއިން ފެނުނަސް ފެނިގެން ދާނީ ބާސާގެ އެއް ނަންބަރު ޓީމަކުން ނޫނެވެ. މިފަހަރު ޑީނިއޯ ކުޅޭނީ، ޖޫން 30ގައި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ޓީމާ ދެކޮޅަށް ކުޅޭ ޗެރިޓީ މެޗުގައި ބާސާގެ ލެޖެންޑް ޓީމަށެވެ.

މި މެޗު ވެގެން ދާނީ، ބްރެޒިލްގެ ކުރީގެ ނުރައްކާތެރި ފޯވާޑް 2008 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އޭނާ ބާސާގެ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށެވެ.

ބްރެޒިލަށް އުފަން، މިހާރު އުމުރުން 37 އަހަރުގެ ޑީނިއޯ ވަނީ، ކޭމްޕް ނޫގައި، ކުޅުންތެރިއެއްގެ ގޮތުން ކާމިޔާބު ފަސް އަހަރު ހޭދަކޮށް، ބާސެލޯނާގެ ސަޕޯޓަރުންނާ މެނޭޖްމަންޓުގެ ލޯބި ހޯދައިފައެވެ.

ރޮނާލްޑީނިއޯ ވަނީ، ކެޓަލަން ކްލަބުގައި، 2003 އާއި 2008 އާ ދެމެދު އޭނާ ހޭދަކުރި ދުވަސްތަކުގައި، އެ ކްލަބަށް 207 މެޗު ކުޅެފައެވެ. އަދި އެ މެޗުތަކުން އޭނާ އެ ކްލަބަށް ޖުމުލަ 94 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، އޭނާ ވަނީ ބާސާއާއެކު 2005-6ގެ ޗެމްޕިއަންސް ލީގާއި، ޖެހިޖެހިގެން ދެފަހަރު ސްޕެނިޝް ލީގު ހޯދައިފައެވެ.

ބާސާގެ ލެޖެންޑް ސްކޮޑްގައި ޑީނިއޯއާ ގުޅޭނޭ ކުޅުންތެރީންގެ ތެރޭގައި އެގާ ޑާވިޑްސް އާއި ސިމާއޯ ސަބްރޯސާ ވެސް ހިމެނެއެވެ.

މި ކުޅުންތެރީންގެ އިތުރުން، ޖީސަސް އެންގޯއީ، ހުއާން ކާލޯސް، ޖޯޖް ޕޮޕެސޫ، މިގުއެލް އަންހެލް ނަދާލް، ޖޫލިއާނޯ ބެލެއްޓީ، ޕެޓްރިކް އެންޑަސަން ފަދަ ކުޅުންތެރީން ހިމެނެއެވެ.

މެންޔޫ ލެޖެންޑް ސްކޮޑްގައި ހިމެނޭ ކުޅުންތެރީނެގެ ތެރޭގައި، ޖެސްޕާ ބްލޮމްކްވިސްޓް، ކުއިންޓޮން ފޯޗުން، ކަރޭލް ޕޮބޮރްސްކީ، ޑިމިޓަރ ބާބަޓޯފް، ޖީސުން ޕާކް، މިކޭލް ސިލްވަސްޓާ، އަދި ޑްވައިޓް ޔޯކް ފަދަ ކުޅުންތެރީން ހިމެނެއެވެ.

މިމެޗުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ، ބާސެލޯނާގައި ހުންނަ ކުޑަކުދީންގެ ކެންސަރ ސެންޓަރަށެވެ.

ރޮނާލްޑީނިއޯ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު، ބާސާގެ އެމްބެސެޑަރެއްގެ ގޮތުގައި އެ ކްލަބާ ގުޅިފައެވެ.

comment ކޮމެންޓް