ޑީނިއޯ އެނބުރި ބާސާއަށް

ބާސެލޯނާ އަދި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ވަނީ، ބާސާގެ ކްލަބު އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސާފައި -- ފޮޓޯ: ބާސެލޯނާ

ބާސެލޯނާގެ ކުރީގެ ތަރި، ރޮނާލްޑީނިއޯ އެނބުރި އެ ކްލަބާ ގުޅިއްޖެއެވެ. ބާސާއިން ބުނީ، ޑީނިއޯ މިފަހަރު އެ ކްލަބާ ގުޅިފައިވަނީ، އެ ކްލަބުގެ އެމްބެސެޑަރެއްގެ ގޮތުގައި ކަމަށެވެ.

ބްރެޒިލަށް އުފަން، މިހާރު އުމުރުން 36 އަހަރުގެ ޑީނިއޯ ވަނީ، ކޭމްޕް ނޫގައި، ކުޅުންތެރިއެއްގެ ގޮތުން ކާމިޔާބު ފަސް އަހަރު ހޭދަކޮށް، ބާސެލޯނާގެ ސަޕޯޓަރުންނާ މެނޭޖްމަންޓުގެ ލޯބި ހޯދައިފައެވެ.

ރޮނާލްޑީނިއޯ ވަނީ، ކެޓަލަން ކްލަބުގައި، 2003 އާއި 2008 އާ ދެމެދު އޭނާ ހޭދަކުރި ދުވަސްތަކުގައި، އެ ކްލަބަށް 207 މެޗު ކުޅެފައެވެ. އަދި އެ މެޗުތަކުން އޭނާ އެ ކްލަބަށް ޖުމުލަ 94 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، އޭނާ ވަނީ ބާސާއާއެކު 2005-6ގެ ޗެމްޕިއަންސް ލީގާއި، ޖެހިޖެހިގެން ދެފަހަރު ސްޕެނިޝް ލީގު ހޯދައިފައެވެ.

ބާސާއަށް ކުޅުމަށް ފަހު، ޑީނިއޯ ބްރެޒިލްގެ ފްލުމިނީސްއިން، 2015 ވަނަ އަހަރު އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރީން، އޭނާ ވަނީ އިޓަލީގެ މިލާނަށް ކުޅެފައެވެ.

ބުރާސްފަތި ދުވަހު ބާސާއިން ވަނީ، އެ ކްލަބުގެ ލެޖެންޑް ފޯވާޑް ޑީނިއޯ، އެމްބެސެޑަރެއްގެ ގޮތުގައި ކްލަބާ ގުޅެން ހަމަޖެހިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

"ބާސެލޯނާއާއި ރޮނާލްޑީނިއޯ ވަނީ އެއްބަސްވުމެއް އެކުލަވާލާފައި، އެގޮތުން ކުރިއަށް އޮތް އަހަރު ތަކުގައި، ބާސެލޯނާގެ އެމްބެސެޑަރެއް، އަދި މަންދޫބެއްގެ ގޮތުން އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ބްރެޒިލްގެ ތަރި ވަނީ އެއްބަސްވެފައި،" ބާސާގެ ބަޔާނެއްގައި ވެއެވެ.

ބާސާއިން ބުނީ، އެ ކްލަބުގެ ކުރީގެ ކުޅުންތެރީން ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ލެޖެންޑް ޕްރޮޖެކްޓް ތަކުގައާއި، ބާސާގެ ބްރޭންޑްތައް ޕްރޮމޯޓްކުރުމުގައާއި ބާސާގެ ޓްރެއިނިންގ ތަކާއި، އިންސްޓިޓިއުޓްތަކުގެ ހަރަކާތްތަކުގައާއި އެނޫންވެސް އެފަދަ ކްލަބުގެ ހަރަކާތްތަކުގައި ރޮނާލްޑިނިއޯ ބައިވެރިވާނޭ ކަމަށެވެ.

"ބައެއް ސްކޫލްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުތަކުގައިވެސް، ރޮނާލްޑީނިއޯ ބައިވެރިވާނެ، އަދި އެޑިއުކޭޝަނަލް ޓޯކްސް ތަކުގައި އޭނާ، އޭނާގެ ތަޖުރިބާ ހިއްސާކުރާނެ،" ބާސާއިން ބުނެއެވެ.

"ޔުނިސެފާ ގުޅުންހުރި، އެފްސީ ބާސެލޯނާ ފައުންޑޭޝަންގެ ހަރަކާތްތަކުގައި ވެސް ރޮނާލްޑީނިއޯ ބައިވެރިވާނެ. ބާސާއިން ކުރިއަށް ގެންދާ ދަ މެސިއާ 360 ޕްރޮޖެކްޓްގައި ބައިވެރިވާ ކޯޗުންނާއި އެތުލީޓުންނަށް ޑީނިއޯ އެހީތެރިވެދޭނެ."

ބާސާއިން ބުނީ، ރޮނާލްޑީނިއޯ އާއެކު ވެވޭ އެއްބަސްވުމުގައި އެ ކްލަބުން ސޮއިކުރުން އޮންނާނީ ހުކުރު ދުވަހު ކަމަށެވެ. އެ ހަފްލާގައި ރޮނާލްޑީނިއޯ އާއި ބާސާގެ ޕްރެޒިޑެންޓް ޖޯޒެފް މާރިއާ ބާޓޮމެއޫ ބައިވެރިވާނޭ ކަމަށެވެ.

comment ކޮމެންޓް