ފަހު ވަގުތު އިނގިރޭސިން ސަލާމަތްވި އިރު، ޖަރުމަނަށް ފަސޭހަ މޮޅެއް

ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިވިލާތާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ކޮލިފައިންގައި ފަހު ވަގުތު ސްކޮޓްލެންޑް އަތުން އިނގިރޭސިން ސަލާމަތްވި އިރު، ސެން މެރީނޯ އަތުން ފަސޭހަކަމާ އެކު ދުނިޔޭގެ ޗެމްޕިއަން ޖަރުމަން މޮޅުވެއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ ގްރޫޕް އެފްގައި ރޭ ސްކޮޓްލެންޑާއި އިނގިރޭސިވިލާތް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ސްކޮޓްލެންޑްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި އިނގިރޭސިންނަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ދެ ފުރުސަތު ވެސް ލިބިގެންދިޔައީ އިނގިރޭސި ފޯވަޑް ހެރީ ކޭންއަށެވެ. ކޭންގެ ފުރަތަމަ ހަމަލާ ގޯލާ އަމާޒުނުވި އިރު އޭނާގެ ދެވަނަ ހަމަލާ، ސްކޮޓްލެންޑްގެ ކިއެރެން ޓިއާނޭ ވަނީ ދިފާއުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިނގިރޭސިވިލާތާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 70 ވަނަ މިނެޓުގައި އިނގިރޭސިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. އިނގިރޭސިންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ސްކޮޓްލެންޑުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 87 ވަނަ މިނެޓުގައި ސްކޮޓްލެންޑަށް ލެއި ގްރިފިތްސް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ވެސް ގްރިފިތްސް އެވެ. އިނގިރޭސިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގަ އެވެ. ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން އިނގިރޭސީންނަށް ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭން އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނާއި ސެން މެރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 7-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫރަޕް ބައްރުގެ ގްރޫޕް ސީގައި ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޖަރުމަން ވަނީ ސެން މެރީނޯ ބަލިކޮށްފަ އެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުން ޖަރުމަން މޮޅުވެފައިވަނީ 7-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ސެންޑްރޯ ވެގްނާ ކާމިޔާބުކޮށްދިންއިރު، ޖޫލިއަން ޑްރެކްސްލާއާއި އަމީން ޔޫނުސް ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނާއި ސެން މެރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޖަރުމަން މޮޅުވީ 7-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްފަހުން ޖަރުމަނުގެ ފަސްވަނަ ލަނޑު ޝްކޮޑްރާން މުސްތާފީ ކާމިޔާބުކޮށްދިން އިރު، މެޗުގެ 72 ވަނަ މިނެޓުގައި ޖަރުމަނުގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ބްރެންޑެޓް އެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ވެގްނާ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.

ޔޫރަޕް ބައްރުގެ ގްރޫޕް އެފްގެ އެއްވަނާގައި 14 ޕޮއިންޓާ އެކު އިނގިރޭސިން އޮތްއިރު، 18 ޕޮއިންޓާ އެކު ޖަރުމަން އޮތީ ގްރޫޕް ސީގެ އެއްވަނާގަ އެވެ.

comment ކޮމެންޓް