އެނބުރި ރާއްޖެ އަންނަން ބޭނުންވަނީ އަފްޣާން އަތުން މޮޅުވެގެން: ގައުމީ ކޯޗު

އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު: އެ މެޗުން މޮޅުވާން ބޭނުންވާ ކަމަށް ގައުމީ ކޯޗު ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެނބުރި ރާއްޖެ އަންނަން ބޭނުންވަނީ ދުބާއީގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން މޮޅުވެގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.

އަންނަ އަންގާރަ ދުވަހު އަފްޣާން ދެކޮޅަށް ކުޅޭ މެޗަށް މިރޭގެ ވަގުތެއްގައި ދުބާއީއަށް 23 ކުޅުންތެރިންގެ ސްކޮޑާއެކު ގައުމީ ޓީމު ފުރިއިރު، އެ ޓީމަށް މަރުހަބާ ކިޔުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ދުބާއީއަށް ފުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްޓެވާޓް ބުނީ، މާލޭގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި މައްސަލައަކަށްވީ އޭއެފްސީ ކަޕްގައި ވާދަކުރުމަށް އިންޑިއާއަށް ފުރަން ޖެހުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވުން ކަމަށެވެ. ނަމަވެސް މިހާރު މާޒިޔާގެ ކުޅުންތެރިން ވަނީ ގައުމީ ޓީމާ ގުޅިފައެވެ.

"މައްސަލައަކީ މާޒިޔާގެ ކުޅުންތެރިންނަށް ބައިވެރިނުވެވުމުން. އޭއެފްސީ ކަޕަކީ މައްސަލައަކަށްވިޔަސް، އެއީ ދިވެހި ފުޓްބޯޅައަށް ރަނގަޅު މައްސަލައެއް. މާޒިޔާއިން އޭއެފްސީ ކަޕްގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނު. ބޫޓާން މެޗުގެ 12 ނޫނީ 13 ވަރަކަށް ދުވަސް ކުރިން އަހަރެމެން މިދަނީ. އަހަރެމެން އުންމީދުކުރަނީ މޮޅަކާއެކު އެނބުރި އަންނަން،" ދުބާއީއަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ގައުމީ ކޯޗު ސްޓެވާޓް ބުންޏެވެ.

އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ދުބާއީއަށް ފުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ކޯޗު ބުނީ، މިމަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ހަމަޖެހުމުން އުފާކުރާ ކަމަށާއި އަފްޣާން މެޗަށްފަހު ބޫޓާނަށް ފުރާނީ އެ މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ކުޅުނު ފަހު މެޗާ ގުޅޭގޮތުން ސްޓެވާޓް ބުނީ، ބެންގަލޫރު އަތުން މާޒިޔާ ބަލިވީ ނަސީބު ދެރަވުމުން ކަމަށެވެ. އަދި އޭއެފްސީ ކަޕްގައި މާޒިޔާއިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް