ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރަން ހުއްޓާލަން އަންގައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލަން ވަނީ އަންގާފައި--- ސަން ފޮޓޯ/ ފަޔާޒު މުސާ

ސަރުކާރާ އިދިކޮޅު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް މިއަދު އަންގައިފި އެވެ.

ޖޭޕީއަށް އެކަން އެންގީ އިލެކްޝަންސް ކޮމިޝަންގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު އަލީހު ސޮއި ކުރައްވައި މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.

އެ ސިޓީގެ ކޮޕީއެއް "ސަން"އަށް ވެސް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ޖޭޕީގެ ނިޝާނާއި ލޯގޯއިން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދަ ރަމްޒުކޮށްދޭ ކަމަށާއި އެ ސަބަބާ ހުރެ އެ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކުރުމަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދިދަ އާއި ލޯގޯ ބަދަލުކޮށްފައި ނުވާތީ މިއަދުން ފެށިގެން ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލުމަށް އަންގާ ކަމަށް އަހުމަދު އަލީގެ ސިޓީގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޖޭޕީއަށް އެ އެންގުން އަންގާފައި ވަނީ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލުގެ ދަށުންނެވެ.

ސަރުކާރުގެ ގެޒެޓުގައި 9 މާޗްގައި ޝާއިއު ކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޖޭޕީއަށް އެންގި އެންގުމާ ގުޅޭ ގޮތުން، އެ ޕާޓީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާޓީގެ ނިންމުން ވަރަށް އަވަހަށް ރަސްމީކޮށް އާންމުކުރާނެ ކަމަށެވެ.

comment ކޮމެންޓް