ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންތަކެއް އެ ޕާޓީގެ ދިދަ ހިފައިގެން-- ފޮޓޯ/ ޖޭޕީ

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް އަންގައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ސަން އަށް މިރޭ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ އެންގުން އެންގީ ގާނޫނީ އެއްވެސް ބާރެއް އޮވެގެން ނޫން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުން ވެސް އެ ކޮމިޝަނަށް ލިބިގެނެއް ނުވޭ ވަކި ސިޔާސީ ޕާޓީއެއްގެ ދިދަ ބަދަލުކުރަން އެންގުމުގެ ބާރެއް،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ އެ ޕާޓީގެ ދިދައަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީ ރަޖިސްޓްރީކުރި އިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ދިދައެއް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އެ ދިދަ ބަދަލުކުރަން އަންގާފައިނުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދިދަ ކަމަށް ބުނާ ދިދައާ ވައްތަރުވެގެން ބަދަލުކުރަންޖެހޭނަމަ އިސްކަންދަރު ސްކޫލްގެ ލޯގޯ ވެސް ބަދަލުކުރަން އަންގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލޯގޯ (ކ) ބަދަލުކުރަން އެންގީ ރައީސުލްޖުމްހޫރިއްޔާގެ ދިދަޔާ އެއްގޮތް ކަންތައްތަކެއް ހުރުމުން.

ސިޔާސީ ޕާޓީތަކުގެ ދިދަ ބަދަލުކުރެވޭނީ އެ ޕާޓީއެއްގެ ގައުމީ ޖަލްސާ އިން އާންމު މެމްބަރުންގެ ވޯޓާ އެކު ފާސްކޮށްގެން ކަމަށާއި އެއީ ދައުލަތުގެ އިދާރާއަކުން އަންގައިގެން ކުރާކަހަލަ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެންގުމާ މެދު އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ފަހުން ނިންމުމެއް ނިންމާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ފޮނުވާ ސިޓީތަކުގެ މައުލޫމާތު އެހެން ފަރާތްތަކަށް އެ ކޮމިޝަނުން ހިއްސާ ނުކުރާ ކަމަށެވެ.

ދާދި ފަހުން ހޯމް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭގޮތަކީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

comment ކޮމެންޓް