ދިވެހިރާއްޖޭގެ ގައުމީ ދިދަ ތަންތަނުގައި ނަގާނަމަ ހޯމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލެއް ހަދައިފި އެވެ.
މިއަދު ގެޒެޓުކޮށްފައިވާ އެ އުސޫލުގައި، 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަންޖެހޭ ތަންތަނާއި، ހެނދުނު 6:00ން ހަވީރު 6:00 އަށް ދިދަ ނަގާފައި ބަހައްޓަން ޖެހޭ ތަންތަން ކަނޑައަޅާފައިވެ އެވެ. އެ ނޫން ތަންތަނުގައި ގައުމީ ދިދަ ނަގާފައި ބަހައްޓާނަމަ ހޯމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވަނީ:
- ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
- ރިޔާސީ ގަނޑުވަރު
- ރައީސުލްޖޫމްހޫރިއްޔާގެ ނައިބު ހުންނަވާ ރަސްމީގެ
- ރައްޔިތުންގެ މަޖިލިސް ކުރާގެ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
- ދިވެހރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު
- މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި މަރުކަޒު
- ސިޓީ ކައުންސިލްތަކުގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތައް
- މީގެ އިތުރުންވެސް ސަރުކާރުން ކަނޑައަޅާ ތަންތަން
މި އެވެ.
އެ އުސޫލު ބުނާ ގޮތުން އެތަންތަނުގައި އަނދިރި ވަގުތު ދިދަ ނަގާފައި ބަހައްޓަންޖެހޭނީ ދިދަ ރީއްޗަށް ފެންނާނެހެން އަލިކޮށްފައެވެ.
ހެނދުނު 6:00ން ހަވީރު 6:00 އަށް ދިދަ ނަގާފައި ހުންނަން ޖެހޭ ތަންތަން:
- ދައުލަތުގެ މުއައްސަސާތައް
- ސަރުކާރު އޮފީސްތަކާއި ކުންފުނިތައް
- ސިޔާސީ ޕާޓީއެއްގެ އޮފީހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ އޮފީސްތައް
ގައުމީ ދިދަ ބޭނުން ކުރުމާއިބެހޭ ގޮތުން ހަދާފައިވާ އެ އުސޫލުގެ ދަށުން، ގައުމީ މުނާސަބަތުތަކާއި ގުޅިގެން އަދި ގައުމީ ޝުއޫރު ފާޅުކުރުމަށް ކޮންމެ ތަނެއްގައިވެސް ދިދަ ނެގުން ހުއްދަވާނެ އެވެ. އޭގެ އިތުރުން ހިނގާލުންތަކާއި އެއްވުންތަކުގައިވެސް ދިދަ ބޭނުން ކުރެވިދާނެ އެވެ.
އެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ނުވަތަ އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ މަނާކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދިދަ އަކީ، ދިވެހި ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމަނާފައިވާ ދިދަ އެކެވެ.
އެ އުސޫލު ހަދާފައިވަނީ، ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތައި، އެ ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުން ކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާން ކުރުމަށް ކަމަށް ހޯމް މިނިސްޓްރީން އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.