އެމްވައިއެސް: 50 ފުޓްސަލް ދަނޑު ނިމިއްޖެ، 90 ދަނޑެއްގެ މަސައްކަތް ކުރިއަށް!

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރެވުނު ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 50 ފުޓްސަލް ދަނޑެއް ނިމި، އިތުރު 90 ދަނޑެއްގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ބުނެފިއެވެ.

ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޕޯޓްސް އެރީނާ މަޝްރޫއަކީ، ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކޮށް، މުޖުތަމައުގައި ޒުވާނުންނަކީ ހުނަރުވެރި، އުފެއްދުންތެރި އަދި ދުޅަހެޔޮ ސިއްހަތެއްގެވެރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ސަރުކާރުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު ބިޔަ މަޝްރޫއެކެވެ.

ކެނދިކުޅުދޫގައި ތަރައްގީކުރާ ފުޓްސަލް ދަނޑު: އެ ދަނޑަކީ ޓާފް އެޅުމަށް ހަމަޖެހިފައިވާ ދަނޑެއް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

މި މަޝްރޫއާ ގުޅޭގޮތުން، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމިންގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ޒުވާނުން ބާރުވެރި ކުރުވުމުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަންތައްތައް ފުރިހަމަ ކުރުމަށް އެ ވުޒާރާގެ މަސައްކަތްތައް ހަލުވިކޮށްފައިވާ ކަމަށެވެ.

"ރަށްރަށުގައި އަޅަމުންދާ ފުޓްސަލް ދަނޑު ތަކަކީ އަތޮޅު ތެރޭގެ ޒުވާނުންގެ އުއްމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް... ފުޓްބޯޅައަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާތީ ރައީސް އަބްދުﷲ ޔާމިންގެ ޒުވާނުންގެ ވަޢުދުތަކުގެ ތެރޭގައި މިކަމަށް ވަނީ ވަރަށް އިސްކަމެއް ދެއްވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

"މިހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ މި ދައުރުގެ ތެރޭގައި މި ވަޢުދު ފުރިހަމަކޮށް ޒުވާނުންނަށް އާ އުއްމީދެއް ގެނަސްދޭން."

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތަކުގައި އަޅާ ބައެއް ޓާފްތައް މާލޭގައި --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ކުޅިވަރާބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެރީނާ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިންމާލުން ކަމަށެވެ.

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 80 އަށްވުރެ ގިނަ ބަށި ކޯޓާއި 40 އަށްވުރެ ގިނަ ވޮލީކޯޓު ތަރައްގީ ކުރެވިފައެވެ. އަދި މުޅިން އަލަށް 21 ރަށެއްގެ ޒުވާނުންގެ މަރުކަޒު ނިންމައި 24 ރަށެއްގައި ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް