ތަޖުރިބާ އާއި ކުރިއެރުމަށް ރާއްޖެ ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން: އިންމި

ޗައިނާ މުބާރާތުގެ ތިންވަނަ ނުވަތަ ބްރޮންޒް މެޑަލްއާއެކު ދިވެހި ޓީމު--

ރާއްޖޭގެ ފުޓްސަލް ޓީމުގެ ކުރިއެރުމަށާއި ލިބޭ ތަޖުރިބާއަށް ބަލާއިރު، ރާއްޖެއިން އަބަދުވެސް ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ކަމަށް، އެފްއޭއެމް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ ފުރަތަމަ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ހޯދި ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

ނިމިދިޔަ ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗަށްފަހު ދިން އިންޓަވިއުގައި އިންމި ބުނީ، މިއީ ރާއްޖޭގެ ޓީމަށް ވަރަށް ރަނގަޅު މުބާރާތެއް ކަމަށާއި، ޗައިނާއަކީ ވަރަށް ވަރުގަދަ ޓީމަކަށް ވުމާއެކު އެ މެޗަކީ ޓީމުން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމަށް އިންތިޒާރުކުރި މެޗެއް ކަމަށެވެ.

"އެނގޭ ޗައިނާއަކީ ވަރުގަދަ ޓީމެއްކަން. ތަޖުރިބާއަށް ބަލާއިރު އެ މެޗަށް ވަރަށް އިންތިޒާރުކުރިން،" މެޗަށްފަހު ވާހަކަދައްކަމުން އިންމި ބުންޏެވެ.

މީގެ އިތުރުން އިންމި ބުނީ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި ރަނގަޅު ފައިޓެއް ދެވުނު ކަމަށެވެ.

މި މުބާރާތުގައި ރާއްޖެއިން ވަނީ ތިން މެޗު ކުޅެ، ތިން ވަނަ މަގާމު ހޯދައިފައެވެ. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ރާއްޖެއިން ވަނީ 7-0 އިން ހޮންގް ކޮންގްގެ މައްޗަށް ތާރީޚީ މޮޅެއް ހޯދައިފައެވެ.

އެއަށްފަހު ފަހު މެޗުގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޗައިނާ ކައިރިން ރާއްޖެ ބަލިވީ 8-3 އިންނެވެ. މީގެ 21 އަހަރު ކުރިން (2005 ގައި) ޗައިނާ އަތުން 21-0 އިން ބަލިވެފައިވާއިރު، މިއީ ރާއްޖޭގެ ފުޓްސަލްއަށް އައިސްފައިވާ ކުރިއެރުން ފެނިގެންދިޔަ މެޗެކެވެ.

comment ކޮމެންޓް